ތިނަދޫ އަށް ސިޓީގެ ދަރަޖަ ހޯދުމުގައި ބޮޑެތި އިހުމާލު އެބަހުރި، ކުށްވެރިކުރަން – މަޑަވެލި ކައުންސިލް

ތިނަދޫ އަށް ސިޓީގެ ދަރަޖަ ހޯދުމުގައި ބޮޑެތި އިހުމާލު އެބަހުރި، ކުށްވެރިކުރަން – މަޑަވެލި ކައުންސިލް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެރަށު ކައުންސިލުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ބުނެ، ގދ. މަޑަވެލި ކައުންސިލުން އެކަން ކުށްވެރިކޮށް ފިއެވެ.

މަޑަވެލި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސިޓީއެއްގެ ދަރަޖަ އަކީ އާބާދީގެ 10،000 ރަށްވެހިވެ ރަޖިސްޓްރީވެފައިވާ ރަށްތަކަށް ސަރުކާރުން ދޭ ދަރަޖައެއް ކަމަށެވެ. އަދި އެރަށެއްގެ އާބާދީ މިނެ ކިރަނީ ޑީއެންއާރުގައި އެރަށެއްގެ ރަޖިސްޓްރީގައިވާ އާބާދީ އަށް ކަމަށާއި، އެއްވެސް ހާލެއްގައި ރަޖިސްޓްރީއަށް ބަލައިގެން މިފަދަ ނިންމުމެއް ނިންމި ދާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ގދ. ތިނަދޫ ސިޓީގައި މިވަގުތު ރަޖިސްޓްރީވެފައިވާ އާބާދީ ލިސްޓުގައި މިރަށަށް ނިސްބަތްވާ މީހުންގެ ގޮތުގައި 145 މީހެއްގެ ނަން (މިރަށުގެ ރަށްވެހިންނާއި އަދި މިރަށަށް ނިސްބަތްނުވާ ގިނަ މީހުންތައް) މިރަށަށް ނިސްބަވްތާކަމަށް ލިޔެ ނިމަނާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ،މަޑަވެލި ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެރަށެއްގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމަކީ ކައުންސިލްގެ ފުރިހަމަ މަސްއޫލިއްުޔަތުގައިވާ ކަމެއް ކަމަށާއި، އެ ރަޖިސްޓްރީއަކީ ބޭނުންވީމާ ބޭނުން ކޮންމެ ބަދަލެއް ގެނެވޭނެ އަދި ގެނެވިގެން ވާނެ ރަޖިސްޓްރީއެއް ނޫން ކަމަށެވެ.

މަޑަވެލި ކައުންސިލުން ބުނެފައިވަނީ، ތިނަދޫގެ އާބާދީގެ ލިސްޓުގައި ހިމަނާފައިވާ ތިނަދޫއަށް ނިސްބަތް ނުވާ މީޙުންގެ ތެރޭގައި މަޑަވެލީގައި ވަޒަންވެރިވެ އެރަށުގައި މިހާރުވެސް ދިރިއުޅެމުންދާ މީހުން އެބަ ތިބި ކަމަށެވެ. އަދި އެފަރާތްތަކުގެ ނަން ތިނަދޫގެ އާބާދީގެ ރަޖިސްޓްރީގައި ހިމެނިފައިވާތީ އެކަމުގެ ޝަކުވާ މަޑަވެލި ކައުންސިލަށް އަންނަމުންދާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

"އެހެން ކަމުން ތިނަދޫ ސިޓީއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރަމެވެ" އެ ބަޔާނުގައި މަޑަވެލި ކައުނސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ ރަށުގެ ރައްޔިތުންނަށް ނޭނގި މިފަދަ އަމަލެއް ހިންގާފައިވުމާ ގުޅިގެން އެ ރައްޔިތުންގެ ހައްގުގައި އެ ކައުންސިލުން ނުކުންނާނެ ކަމަށެވެ. އަދި އެ މައްސަލަ، ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. ދައުލަތާ ދެކޮޅަށް އޭނާ މި މައްސަލަ ހުށަހެޅުމާ ގުޅިގެން އޭނާ ވަނީ ހަމަ އެ ދުވަހު މަގާމުން ވަކިކޮށްފައެވެ.

ރާގިބު ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *