މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ކަރަންޓް ނެޓްވޯކް ގުޅާލަން ސްޓެލްކޯ އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިއީ ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެވެ.
މި އެއްބަސްވުމުގެ ދަށުން ތެލާއި ނެޗުރަލް ގޭހުން ކަރަންޓް އުފައްދާ 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމް ކުރާނެއެވެ. އަދި މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމް ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއްވައެވެ.
ސްޓެލްކޯއިން ވިދާޅުވީ، މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.
މިއާއެކު މާލެ ސަރަަހައްދަށް ކަރަންޓް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

