ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗަށް ނޭދެވޭ އަސަރު ކުރާ ކަންތައްތައް ކުރާ މައްސަލަ އިތުރުވަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުން ރާއްޖޭގެ މާހައުލުން ފެންނަ މުހިންމު ދިރުންތަކެއް ރައްކާތެރިކޮށް ގާނޫނީ ގޮތުން ހިމާޔަތް ދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ފަސް ބާވަތެއްގެ ވެލާ ކަހަނބާއި އެއް ބާވަތުގެ މަޑި ހިމެނެއެވެ. އަދި ރާއްޖޭގެ ފަރުތަކާއި ކަނޑުތަކުގެ މުހިއްމުކަމާއި މުއްސަނދިކަން އެންމެބޮޑަށް ދޭހަ ކޮށްދޭ އެއް ދިރުން ކަމަށްވާ ފެހުރިހިވެސް ވަނީ އެ ގަވައިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކުގެ ލިސްޓަށް އިތުރުކޮށްފައެވެ.
"އެ ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލަށް މުހިންމު ފައިދާތަކެއް ފޯރުކޮށްދޭ ދިރުންތަކެއް. އަދި ދިވެހިންގެ އުޅުމާއި ސަގާފަތާއި އިގްތިސާދާ ވަރަށް ވެސް ބޮޑަށް ގުޅިލާމެހިފައިވާ މުހިންމު ދިރުންތަކެއް. ރާއްޖޭގެ ފަތުރުވެރިކަމަކީ މި ގައުމުގެ އާމްދަނީގެ ބޮޑު އިންސައްތައެއް އުފައްދާ އެކަމަށް އެތައްހާސް ދިވެހިންގެ ވަޒީފާއާއި އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް. މި ގަވައިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކަކީ ފަތުރުވެރިކަމުގެ މުހިންމު ދައުރެއް އަދާކުރާ ރާއްޖޭގައި ފަހަކަށް އައިސް ކުރިއަރާފައިވާ ނޭޗާ ޓުއަރިޒަމްގެ ފަހަތުގައި މައިގަނޑު އެއް ސަބަބު. ރާއްޖެއިން އެފަދަ ތަފާތު ވައްތަރުގެ ދިރުންތައް ފެންނަމުން ދިއުމަކީ ތަކުރާރުކޮށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އެއް ސަބަބު."، އީޕީއޭއިން ވިދާޅުވެއެވެ.
އޭގެ އިތުރުން އައިންމަތި ދޫނިތަކަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމަށް މުހިންމު ދައުރެއް އަދާ ކުރާ ދިރުންތަކެއް ކަމަށް އީޕީއޭއިން ވިދާޅުވެއެެވެ. އެސޮރުމެންނާއި އަދި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެހެން ދިރުންތަކަކީ ރާއްޖޭގެ މާހައުލު ދެމެހެއްޓުމުގައި ގިނަގުނަ ތަފާތު ގުދުރަތީ ހިދުމްތައް ފޯރުކޮށްދޭ ރާއްޖޭގެ ގުދުރަތީ ނިޒާމުގެ މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ދިރުންތަކާއި އެ ދިރުޔންތަކުގެ މާހައުލަށް ނޭދެވޭ އަސަރުކުރާ ގިނަގުނަ ކަންތައްތަކެއް ތަކުރާރުކޮށް ފެންނަ މިންވަރު އަހަރަކަށް ވުރެއް އަހަރެއް އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަން ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
އެގޮތުން ހިމާޔަތްކޮށްފައިވާ ދިރުންތައް ހިފާ ގެންގުޅުމާއި އެ ތަކެތި މެރުމާއި ކެއުމުގެ އިތުރުން އެތަކެއްޗާއި ތަކެތީގެ ބައިބައިގެ ވިޔަފާރިކުރުން އެއީ މަނާ ކަމެކެވެ.
އަދި އީޕީއޭއިން ވިދާޅުވީ ވެލާ ކަހަނބު ހިފުމާއި ކެރުމާއި ހިމާޔަތްކޮށްފައިވާ ދޫނިސޫފާސޫގފީގެ ބާވަތްތައް އޮޅި ޖަނަވާރުގެ ގޮތުގައި ގެންގުޅުން ވެސް އެއީ މަނާ ކަމެއް ކަމަށެވެ.

