ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް އެހީތެރިވެދޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގައި މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން އިންޑިއާއާއެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިވެގެން 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމަށްފަހު ރައީސް އިއްވެވި ބަޔާނުގައި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އިގްތިސާދާއި ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއް ކަމަށާއި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުގައި އިންޑިއާއިން އަބަދުވެސް އެހީވުމަށް ތައްޔާރަށް އޮންނަ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމި ކަމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަނީ މޯދީ އަށް ޝުކުރު އަދާކުރައްވައިފައެވެ.
"އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް ދޭ އެހީތެރިކަމަކީ ވަރަށް އަގުހުރި އެހީތެރިކަމެއް. ޚާއްސަކޮށް މިހާރު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ދެއްވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ އެހީ އާއި 400 މިލިއަން އެމެރިކާ ޑޮލަރުގެ ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމަކީ ވަރަށް މުހިންމު އެހީތެރިކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި އުމްރާނީ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ. ރާއްޖެ އިން ބޭނުންވާ ވަގުތުތަކުގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެެހެންވެ، ގުޅިގެން ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.

