ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައިމަރުވި މީހުންގެ ޢަދަދު 4،300 އަށްވުރެ މައްޗަށް އަރައިފިއެވެ. ތުރުކީއާއި ސޫރިޔާގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އިތުރު އެތައް ބަޔަކު ގެއްލިފައިވެއެވެ.
ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.
ތުރުކީ އާއި އިމަޖެންސީ އެހީދޭ ޓީމުތަކުން ރިޕޯޓްކުރާ ގޮތުގައި 5،600އަށް ވުރެ ގިނަ އިމާރާތް ވަނީ ބައެއް ސިޓީތަކުގައި ބިމާހަމަވެފައެވެ. އަދި ފިނިގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތަކެއް ހާސް ބަޔަކު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ފިނީމޫސުމާއެކު ތުރުކީގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވުމުގެ ސަބަބުން، ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ވަނީ ދަށްވެފައެވެ. އަދި، ބިންހެލުން އައި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާތީ، މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޓީމުތަކުގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.
ތުރުކީގެ އިދާރާތަކުން ވަނީ އެ ޤައުމުން އެކަނިވެސް މިހާރު 2،921 މީހުން މަރުވެފައިވާ ކަމަށާއި ސޫރިޔާއިން މަރުވި އިތުރު މީހުންނާ އެއްކޮށް، މަރުވި މީހުންގެ އަދަދު 4،365އަށް އަރާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

