ސްޕެއިންގެ ކޯރަކަށް ބަހެއް ވެއްޓި ހަ މީހުން މަރުވެއްޖެ

ސްޕެއިންގެ ކޯރަކަށް ބަހެއް ވެއްޓި ހަ މީހުން މަރުވެއްޖެ

ސްޕެއިންގެ ގަލާޝިޔާ ސަރަޙައްދުގައި ދަތުރުކުރަމުން ދިޔަ ބަހެއް ބުރިޖެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ކޯރަކަށް ވެއްޓި ހަ މީހުން މަރުވެ ދެ މީހަކަ އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޕޯޗުގަލް ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ ވީގޯގައެވެ. މި ހާދިސާ ހިނގި ވަގުތު ބަހުގައި އަށް މީހުން ތިބި ކަމަށް ވީގޯގެ އޮފިޝަލުން ބުނެއެވެ.
މި ހާދިސާގައި ސަލާމަތްވި ދެ މީހުންގެ ތެރޭގައި އުމުރުން 60 އަހަރުގެ ބަސް ޑްރައިވަރު ހިމެނެއެވެ. އޭނާއާއެކު ސަލާމަތް ކުރެވުނު އިތުރު މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. މަރުވެފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނުނީ ބަހުގެ ކައިރިންނެވެ. އިތުރު ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ ކޯރުތެރޭގައި އޮޔާ ދަނިކޮށް ކަމުގައި ވީގޯގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމަރޖެންސީ ޚިދުމަތްތަކަށް ލިބުނީ، ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ފާއިތުވި ފަހުންނެވެ. ކޯރަށް ބަހެއް ވެއްޓިގެން އުޅޭ މަޢުލޫމާތު ދީފައި ވަނީ، އެ ހާދިސާ ހިނގި ބުރިޖުން ދަތުރު ކުރި އެހެން ދުއްވާ އުޅަނދެއްގައި ތިބި ބަޔެކެވެ. ބަހުގައި ތިބީ ގަލާޝިޔާގައި ހުންނަ މޮންޓެރެޓްސޯ ޖަލުގައި ތިބި ގައިދީންތަކަކާ ބައްދަލުކުރަން ދަތުރުކުރި އެ މީހުންގެ ޢާއިލާގެ މެންބަރުންތަކެކެވެ.

މި ހާދިސާ ހިނގާފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ބުނެއެވެ. އެއީ، ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތެކެވެ. އަދި، މޫސުން ގޯސްވުމުގެ ސަބަބުން ކޯރަށް ވެއްޓުނު މީހުން ސަލާމަތް ކުރަން ކުރި މަސައްކަތްތަކަށް ވެސް ހުރަސް އެޅުނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަމުންދާއިރު، ބަސް ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ނޫން ކަން އޮފިޝަލުން ވަނީ ދެނެގަނެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޕެރޫގެ ރައްޔިތެއް ވެސް ހިމެނެއެވެ. ދެން ތިބީ ސްޕެއިންގެ ރައްޔިތުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *