އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެއްޖެއެވެ. އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ތަޚުތައް ރާނީ އިސްކުރެވުނީ މީގެ 70އަހަރު ކުރިން 1953 ވަނަ އަހަރުއެވެ.
ރާނީ އަވަހާރަވީ އިރު އުމުރުފުޅަކީ 96 އަހަރެވެ. ރާނީ އަވަހާރިވެފައިވާކަން ބަކިންގްހަމް ގަނޑުވަރުން ދާދި ދެންމެއަކު ވަނީ އިޢުލާނުކޮށްފައެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު ދެރަވެ ފަރުވާދެމުންދަނިކޮށެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާކަން މިއަދު ހެނދުނު އެކަމަނާގެ އާއިލާ މެމްބަރުންނާވަނީ ހިއްސާކޮށްފައެވެ.
ޝާހީ ޢާއިލާގެ ގިނަ މެންބަރުން މިވަގުތު ތިއްބެވީ ބަލްމޯރަލް ގަނޑުވަރުގައެވެ. މީގެ ތެރޭގައި ރާނީގެ މާމަ ދަރިކަލުން ޕްރިންސް ވިލިޔަމްގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ހިމެނިވަޑައިގަންނަވައެވެ. ޕްރިންސް ހެރީވެސް މިއަދުގެ ވަގުތެއްގައި ސްކޮޓްލެންޑަށް ވަޑައިގަންނަވާނެއެވެ.
ރާނީ އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. 2021ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހޮސްޕިޓަލުގައި އެޑްމިކޮށްގެން ފަރުވާދިނުމަށްފަހު ދޫކޮށްލުމުން ރާނީ ވަނީ އެ ކަމަނާގެ ރަސްމީ ބައްދަލުވުންތައް މަދުކުރައްވާފައެވެ. އަދި ސްކޮޓްލެންޑުގައި ހުންނަ ބެލްމޯރަލް ގަނޑުވަރަށް ވަޑައިގަންނަވާފައިވަނީ އަރާމުކުރެއްވުމަށެވެ.
ސެޕްޓެންބަރު 5ގައި އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ލިޒް ޓްރަސްއަށް އެ މަޤާމުގެ މަސްއޫލިއްޔަތުތައް ރަސްމީ ގޮތުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ވެސް ބާއްވާފައި ވަނީ ބެލްމޯރަލް ގަނޑުވަރުގައެވެ. އިނގިރޭސި ވިލާތުގެ ރަނިކަމާ ރާނީ ހަވާލުވެ ވަޑައިގަތުމަށް މި އަހަރު ވަނީ 70 އަހަރު ފުރިފައެވެ. އެކަން ފާހަގަކުރުމަށް ވަރަށް ކުލަގަދަ އިހުތިފާލުތަކެއް ވަނީ ބާއްވާފައެވެ.
ރާނީ އެލިޒަބަތު އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ ރަނިކަމާ ހަވާލުވެ ވަޑައިގަތީ 1952ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6ވަނަ ދުވަހު، އެ ކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަތަރުވަނަ އަވަހާރަވުމާ ގުޅިގެންނެވެ. އެއިރު އެ ކަމަނާގެ އުމުރުފުޅަކީ 25 އަހަރެވެ.

