ބެންގަލޫރަށް ބޯކޮށް ވާރޭވެހި އެތައް ބަޔަކު ހާލުގައި ޖެހިއްޖެ

ބެންގަލޫރަށް ބޯކޮށް ވާރޭވެހި އެތައް ބަޔަކު ހާލުގައި ޖެހިއްޖެ

ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން ބެންގަލޫރުގައި ފެންބޮޑުވެ އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިއްޖެއެވެ. ބެންގަލޫރުގެ ގިނަ ސަރަޙައްދުތަކެއް މިހާރު އޮތީ ފެނު އަޑީގައެވެ. އަދި، ގިނަ އަދަދެއްގެ ގަސްތައް ވެއްޓި، ޢިމާރާތްތަކާއި ހިފައިގެންގުޅޭ ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ބެންގަލޫރަކީ އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނަޓަކާ ސްޓޭޓްގެ ވެރިރަށެވެ. އަދި، ގިނަ އަދަދެއްގެ ވިޔަފާރި ކުންފުނިތަކުގެ އޮފީސްތައް ޤާއިމު ކޮށްފައިވާ ވިޔަފާރީގެ މަރުކަޒީ ރަށެކެވެ. އެ ރަށުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފައެވެ. އަދި، ގިނަ އަދަދެއްގެ ދުއްވާ އުޅަނދަށް ވަނީ ގެއްލުން ލިބިފައެވެ.

ސެޕްޓެންބަރު 4 ވަނަ ދުވަހު އެކަނިވެސް ބެންގަލޫރުގެ މައި ޑިސްޓްރިކްޓަށް 28.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެއީ، އެހެން އަހަރުތަކުގެ އެވުރެޖާ އަޅައިބަލާއިރު 368 އިންސައްތަ އިތުރު އަދަދެކެވެ. ޖޫން 1 ވަނަ ދުވަހު ފެށި ވިއްސާރަ މޫސުމުގައި ބެންގަލޫރަށް މިހާތަނަށް 141 އިންސައްތަ އިތުރަށް ވާރޭވެހިފައިވާ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާ ކަމުގައި ރިޕޯޓުކޮށްފައިވެއެވެ. 23 އަހަރުގެ އަންހެނެއް މަރުވެފައި ވަނީ ކަރަންޓުގެ ޚިދުމަތްދޭން ބޭނުން ކުރާ ހޮޅިދަނޑިއެއް އަތްލި ވަގުތު ކަރަންޓުގައި ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ރަށުގެ ގިނަ ހިސާބުތަކުން ކަރަންޓާއި ސާފު ބޯފެނުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. އަދި، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެތައް ހާސް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން ބެންގަލޫރުގައި ހިންގާ ގިނަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ގިނަ ކުންފުނިތަކަކުން ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގާފައެވެ. އަދި، ގިނަ ސްކޫލުތަކެއްގައި ކިޔަވައިދިނުން ވެސް ވަނީ މެދުކަނޑައިލާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *