ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 900 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 900 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 900 އަށްވުރެ މައްޗަށް އަރައިފިއެވެ. މި ވިއްސާރައިގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ހިސާބުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.

މި ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވިދާޅުވިއެވެ. އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން އެ ޤައުމަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އެކި ހިސާބުތަކަށް މިއަހަރު ކުރަމުންދާ މި ވިއްސާރައިގެ ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި، 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. މީގެ ތެރެއިން ވެސް، އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސިންދު ޕުރޮވިންސަށެވެ. ވިއްސާރަ މޫސުމުގައި ޢާންމުކޮށް އެ ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ އަށް ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *