ބަންގްލަދޭޝްގައި ފެންބޮޑުވެ 32 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގައި ފެންބޮޑުވެ 32 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފިއެވެ. ފެންބޮޑުވުމުގެ ސަބަބުން ނުވަ މިލިޔަނަށް ވުރެ ގިނަ މީހުން އެ މީހުންގެ ގެދޮރުގައި ބަންދުވެފައެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސިލްހެތް ސަރަޙައްދަށެވެ. ފެންބޮޑުވެފައިވާ ރަށްތަކާއި އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ފޯރުކޮށްދޭން އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ދަނީ ކުދި ބޯޓުފަހަރު ބޭނުންކޮށްގެން މަސައްކަތް ކުރަމުންނެވެ.

އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނީ، ހާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އަސްކަރިއްޔާއާއި ކަނޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމުގައެވެ. އަދި، ގެދޮރުގައި ބަންދުވެފައިވާ މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަތީޤުލް ޙައްޤު ވިދާޅުވިއެވެ. އެ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ ކެނޑިފައިއެވެ. އަދި އެ ސަރަހައްދުގައި އުޅުނު 300,000 އެއްހާ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ހާލުގައި ޖެހިފައިވާ މީހުން ކާބޯތަކެތީގެ އެހީގެ ގޮތުގައި 1,720 ޓަނުގެ ހަނޑުލާއި، 58,000 ކާބޯތަކެތި ޕެކެޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ބޭހާއި ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ ކަމަށް ވެސް އަތީޤުލް ޙައްޤު ވިދާޅުވިއެވެ.

ސިލްހެތް ސަރަޙައްދުގައި މިހާ ބޮޑަށް ފެންބޮޑުވެފައި މި ވަނީ، އިންޑިޔާގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ މެގަލާޔާ ސްޓޭޓަށް ބޯކޮށް ވާރޭވެހި އެ ސަރަޙައްދުގައި ފެން ބޮޑުވުމުގެ ސަބަބުން ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ބުނެއެވެ. އެ ސްޓޭޓްގެ ބައެއް ސަރަޙައްދުތަކަށް އާދީއްތަ ދުވަހު އެކަނިވެސް 970 މިލިމީޓަރު (38 އިންޗި)ގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މެގަލާޔާ، އަދި އެ ސްޓޭޓާ އިންވެގެން އޮންނަ އައްސާމް ސްޓޭޓަށް ވާރޭ ވެހުނު މިންވަރު މި ޖޫން މަހު ވަނީ 134 އިންސައްތަ އިތުރުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *