އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަނަށް ތާޢީދު އޮތްތޯ ބެލުމަށް އޭނާގެ "ކޮންޒަވޭޓިވް ޕާޓީ" އިން ވޯޓުނަގައިފިއެވެ. ނަމަވެސް އޭނާ ވަނީ މި ވޯޓުން ސަލަމަތްވެފައެވެ.
ޖޯންސަނަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގާފައި މި ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެޅި ފުރަބަންދު ފިޔަވަޅުތަކާ ޚިލާފުވުމުންނެވެ. އިނގިރޭސި ވިލާތް ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު، އޭނާގެ އޮފީހުގައި ވަނީ ޕާޓީތަކަކާއި ހަފުލާތަކެއް ބާއްވަވާފައެވެ.
އޭނާ އާއި ދެކޮޅަށް ނެގި ވޯޓުން އޭނާ ސަލާމަތްވެވަޑައިގެންނެވި ނަމަވެސް، ކޮންޒަވޭޓިވް ޕާޓީ ތެރޭގައި އޭނާއަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. އަދި، "ޕާޓީ-ގޭޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި މައްސަލައިގައި އެ ޕާޓީ ވަނީ ދެބައި ވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީ ތަމުސީލު ކުރައްވާ މެންބަރުންގެ މެދުގައި ނެގި މި ވޯޓުގައި 41 އިންސައްތަ މެންބަރުން ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދީފައެވެ.
ޖޯންސަސް ސިފަކުރައްވަނީ މިއީ އޭނާގެ ސަރުކާރަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވެވަޑައިގަތުމަކީ، ކޮވިޑްގެ ހާލަތުން އަރައިގަނެ، އުފުލެމުންދާ ތަކެތީގެ އަގުތަކުން ރައްޔިތުންނަށް ކުރަމުންދާ އަސަރުތައް ކުޑަކޮށް، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ފުރުޞަތެއް ކަމުގައެވެ.

