ބަންގްލަދޭޝްގެ ބަނދަރުމަތީ ރަށެއްކަމަށްވާ ޗިޓަކޮންގާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓަކުންޑާގައި އަލިފާން ރޯވުމުގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ބަނދަރުމަތީ ރަށެއްކަމަށްވާ ޗިޓަކޮންގާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓަކުންޑާގައި އަލިފާން ރޯވުމުގެ ސަބަބުން ބާރުގަދަ ގޮވުންތަކެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ޙާދިޘާގައި 40އަށްވުރެ ގިނަ މީހުން މަރުވެ 150އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.
އެ ޙާދިޘާގައި އަލިފާން ރޯވެފައިވަނީ ކެމިކަލް ބަރުކޮށްފައިވާ ކޮންޓޭނަރުތަކެއްގައި ކަމުން ޙާދިޘާގައި ޒަޚަމުވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ޙާލުދެރަވެ މަރުވި މީހުންގެ ޢަދަދު އިތުރުވެދާނެކަމަށްވެސްވަނީ ބެލެވިފައެވެ. އެ ޙާދިޘާގައި އަލިފާން ނިއްވަން މަސައްކަތްކުރި ފަސް މީހުން މަރުވެ ފުލުހުންގެ 10 މީހުންވަނީ ޒަޚަމުވެފައެވެ.
ބަންގްލަދޭޝްގެ ސިނާޢީ ދާއިރާއަކީ ދުނިޔޭގައި އެންމެ ނުރައްކާތެރި ޙާލަތެއްގައި މީހުން މަސައްކަތްކުރަމުންދާ ދާއިރާކަމަށް މަސައްކަތްތެރިންނާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ. އަދި ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނާއި ޤާނޫނާއި ޤަވައިދަށް ޢަމަލުކުރަމުންދޭތޯ ނުބެލުމުގެ ސަބަބުން އެ ޤައުމުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ނުރައްކާތެރި ގިނަ ޙާދިޘާތަކެއް ހިނގާފައިވެއެވެ. އެ ގޮތުން 2020ވަނަ އަހަރުގެ ތެރޭގައި އިމާރާތްތަކެއްގައި އަލިފާން ރޯވެ 70 މީހުން މަރުވިއެވެ. އަދި 2021ވަނަ އަހަރުގެ ތެރޭގައި ކާރުޚާނާއެއްގައި އަލިފާން ރޯވެ 54 މީހުން މަރުވިއެވެ.

