ނޭޕާލުން ގެއްލުނު މަތިންދާބޯޓުން ދަތުރުކުރި 14 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ނޭޕާލުން ގެއްލުނު މަތިންދާބޯޓުން ދަތުރުކުރި 14 މީހެއްގެ ހަށިގަނޑު ފެނިއްޖެ

22 މީހުންނާއެކު ދަތުރުކުރި ނޭޕާލުގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަނިކޮށް ފަރުބަދަމަތީ ސަރަޙައްދަކަށް ވެއްޓިފައި އޮއްވައި ފެނިއްޖެއެވެ. ނޭޕާލުގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވަނީ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުން 14 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އަދި އިތުރު އަށް މީހުން ހޯދަމުންދާކަމަށާއި ދިރިހުއްޓައި އެ މީހުން ފެނުމުގެ ފުރުޞަތު ކުޑަކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އެ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުގެ މޫސުން ވަރަށް ގޯސްކަމަށާއި ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ނޭޕާލުގެ އަމިއްލަ އެއާލައިނެއްކަމަށްވާ ޓާރާ އެއާގެ މަތިންދާބޯޓާ ގުޅުންކެނޑުނީ ޕޮކާރާއިން ޖޮމުސޮމަށް ދަތުރުކުރަނިކޮށެވެ. އެ މަތިންދާބޯޓުން 19 ފަސިންޖަރުންނާއި ތިން ފަޅުވެރިން ދަތުރުކުރިއެވެ. އެ ގޮތުން ފަސިންޖަރުންގެ ތެރޭގައި އިންޑިޔާއަށް ނިޞްބަތްވާ ހަތަރު މީހުންނާއި ޖަރުމަންވިލާތަށް ނިޞްބަތްވާ ދެ މީހުން ހިމެނެއެވެ. ދެން ތިބި އެންމެންނަކީވެސް ނޭޕާލުގެ ރައްޔިތުންނެވެ.

2019 ވަނަ އަހަރުގެ ތެރޭގައި ފޯބްސް މަޖައްލާއިން ޢާއްމުކުރި ސަލާމަތީގޮތުން އެންމެ ރައްކާތެރިކަން ކުޑަ އެއާލައިނުތަކުގެ ތެރޭގައި ޓާރާ އެއާ ހިމެނެއެވެ. އަދި ވެއްޓުނު މަތިންދާބޯޓަކީ 1979ވަނަ އަހަރުގެ ތެރޭގައި ކެނެޑާގައި އުފައްދާފައިވާ އުޅަނދެކެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހުންނަ ޤައުމަކީ ނޭޕާލުގައެވެ. އަދި އެ ޤައުމުގައި މީގެ ކުރިންވަނީ ނުރައްކާތެރި ވައިގެ ޙާދިޘާތަކެއް ހިނގައިފައެވެ. އެ ގޮތުން 1992ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނު އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫއަށް ޖައްސަނިކޮށް ވެއްޓި 167 މީހުންވަނީ މަރުވެފައެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި ޔޫއެސް ބަންގުލާ އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫއަށް ޖައްސަނިކޮށް އަލިފާންރޯވެ 51 މީހުން މަރުވެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *