ޕާކިސްގެ ރައީސް އާރިފް އަލްވީ އެގައުމުގެ މަޖިލިސް އުވާލައިފިއެވެ. ޕާކިސްތާނުގެ މަޖިލިސް އުވާލާފައިމިވަނީ އެގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން އެކަމަށް ލަފާދިނުމުންނެވެ.
ބޮޑުވަޒީރުގެ ލަފައާ އެއްގޮތަށް ޕާކިސްތާނުގެ މަޖިލިސް އުވާލާފައިވާކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ޕާކިސްތާނުގެ މަޖިލިސް އުވާލާ އަވަސް އިންތިހާބެއް ބޭއްވުމަށް ބޮޑުވަޒީރު އިމްރާން ޚާން ޕާކިސްތާނުގެ ރައީސަށް ލަފާދީފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ބޭރުގެ ނުފޫޒު އޮތްކަމަށްބުނެ އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލިނަމަވެސް އިދިކޮޅަށް މެޖޯރިޓީ އޮތްކަން އެފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ޕާކިސްތާނުގެ މަޖިލިސް އުވާލާފައިވާކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އާ އިންތިހާބު 90 ދުވަސް ތެރޭގައި ބާއްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

