ސީރިއާގެ ބޯޑަރު ސަރަހައްދަށް އިޒްރޭލުން މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މުދަލަށް ގެއްލުންވެފައިވާކަމަށް ސީރިއާއިން ވަނީ ބުނެފައެވެ.
އިޒްރޭލުން މިސައިލުތައް ލޯންޗުކޮށްފައިވަނީ އިޒްރޭލުން ހިސޯރުކޮށްފައިވާ ސީރިއާގެ ގޯލާން ހައިޓްސް ސަރަހައްދުންނެވެ. އިޒްރޭލުން ވަނީ މީގެ ހަފްތާއެއް ކުރިން ދިމިޝްޤުގެ ދެކުނުގެ ސަރަހައްދަކަށްވެސް ހަމަލާދީފައެވެ.
ރޭގެ ހަމަލާއާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
ސީރިއާގެ ގޯލާން ހެއިޓްސް އިޒްރޭލުން ހިސޯރުކޮށްފައިވަނީ 1967 ވަނަ އަހަރުގެ ޖޫން މަހު، ޢަރަބި އިޒްރޭލު ހަނގުރާމައިގެ ތެރޭގައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ވަނީ އެ ސަރަހައްދަކީ އިޒްރޭލުގެ ބިމުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

