ރަޝިޔާއަށް ވަންނަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންގެ ބަޔަކު މަރާލައިފި

ރަޝިޔާއަށް ވަންނަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންގެ ބަޔަކު މަރާލައިފި

ޖާސޫސްކޮށް މަޢުލޫމާތު އެއްކުރުމަށް ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ވަންނަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންގެ ބަޔަކު މަރާލާފައިވާކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކުރަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންނާ ރަޝިޔާގެ ފައުޖުތަކުން ކުރިމަތިލާން ފެށުމުން އެ ސަރަޙައްދަށް ޔޫކްރެއިނުގެ އަސްކަރީ ދެ އުޅަނދެއް ފޮނުވިކަމަށާއި އަދި ރަޝިޔާގެ ފައުޖުތަކުން ދިން ޙަމަލާތަކުގައި ޔޫކްރެއިނުގެ ސިފައިންގެ ފަސް މީހުން މަރުވެ އެ ސަރަޙައްދުގައި ޙަރަކާތްތެރިވި އަސްކަރީ އުޅަނދުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވިކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. އެ ކުރިމަތިލުމުގެ ކުރިން ޔޫކްރެއިނުން ރަޝިޔާއަށް ދިން ޙަމަލާއެއްގައި ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ. ރަޝީޔާއިންވަނީ އެ ޙަމަލާގައި ލިބުނު ގެއްލުންތައް ފެންނަ ވީޑިޔޯއެއް ޢާއްމުކޮށްފައެވެ. އެ ޙަމަލާތަކުގައި ރަޝީޔާގެ ސިފައިންގެ މީހަކަށް އެއްވެސް ގެއްލުމެއް ނުވައިކަމަށްވެސް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.

ޔޫކްރެއިނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ވަންނަންވެސް އަދި ރަޝިޔާއަށް ޙަމަލާއެއްވެސް ދީފައެއް ނުވާނެއެވެ. އަދި ރަޝިޔާއިން މަސައްކަތްކުރަނީ ދޮގު މަޢުލޫމާތުތަކެއް ޢާއްމުކުރުމަށްފަހު އަދި އުޒުރެއް ދެއްކުމަށްފަހު ޔޫކްރެއިނަށް ޙަމަލާ ދިނުމަށްކަމަށް އެ ވުޒާރާއިންވަނީ ތުޙްމަތުކޮށްފައެވެ.

2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *