އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތް-2 ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހިރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ރާނީއަށް އަވަހަށް ޝިފާއަށް އެދިވަޑައިގެން ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީ އެލިޒަބެތަށް ބަލިޖެހުނު ނަމަވެސް ޙާލުކޮޅު ރަނގަޅެވެ. އަދި ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި މަޤާމުގެ ބައެއް މަސްޢޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަންނަވާނެކަމަށްވެސް ޝާހީ ގަނޑުވަރުންވަނީ ބުނެފައެވެ.
ޢުމުރުފުޅުން 95 އަހަރުގެ ރާނީ އެލިޒަބެތުވަނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯސް ޖައްސަވައިފައެވެ. ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި މީގެ ހަތަރުވަރަކަށް ދުވަސްކުރިން ޞިއްޙީ ޙާލުކޮޅު ގޯސްވެގެން ރާނީ އެލިޒަބެތުވަނީ ގަނޑުވަރުގެ މުވައްޒަފުންގެ ސަމާލުކަމަށް އެކަން ގެންނަވައިފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ޞިއްޙީ ޙާލުކޮޅު ގޯސްވެގެން ރާނީ އެލިޒަބެތަށްވަނީ ހަސްފަތާލުން ފަރުވާ ހޯއްދަވައިފައެވެ.

