ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އެ ޖަމާޢަތްތަކުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އަސްކަރިއްޔާއިން ހަތަރު ފަހަރެއްގެ މަތިން ވަރުގަދަ ޙަމަލާތަކެއް ދީފައިވާކަމަށެވެ. އަދި އެ ޙަމަލާތަކުގައި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެ ޖަމާޢަތްތަކުން ބުނެފައިވެއެވެ. ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދުތަކުގައި ދިރިއުޅެނީ ރަޝިޔާ ބަހުން ވާހަކަދައްކައި ރަޝިޔާ ނަޞްލުގެ މީހުންނެވެ. ފާއިތުވި އަހަރުތަކުގައި ޔޫކްރެއިނުން ވަކިވެގަތުމުގެ ރޫޙް އެ ސަރަޙައްދުގައި ވަރަށް ބޮޑަށް އުފެދި ހަނގުރާމަވެރި ޖަމާޢަތްތަކާއި ޔޫކްރެއިނުގެ އަސްކަރީ ފައުޖުތަކާ ދެމެދުވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިފައެވެ. އެ ކުރިމަތިލުންތަކުގައި 15،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިނުގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ ބަރުހަތިޔާރާއެކު 150،000 ސިފައިން ޖަމާކޮށްފައެވެ. އެއާއެކު ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި އެމެރިކާއިން ބުނެފައިވަނީ ކޮންމެ ވަޤުތަކުވެސް ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފާނެކަމަށާއި އެފަދަ ނިންމުމެއްގެ ނަތީޖާ ރަޝިޔާއަށް ވަރަށް ހިތިވާނެކަމަށެވެ. ނަމަވެސް ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިނުގެ ދާޚިލީ ޙާލަތު ގޯސްވެ އޭގެ އަސަރު ރަޝިޔާއަށް ކޮށްފާނެ ޙާލަތަކަށް ތައްޔާރުވުމަށް އަސްކަރީ ތަމުރީނުތަކެއް ފުރިހަމަކުރުމަށްކަމަށެވެ.
ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެފައިވަނީ ވިލާތުގައި ހަނގުރާމައެއް ފެށުމުގެ ވިސްނުން ރަޝިޔާއިން ނުގެންގުޅޭކަމަށާއި އެ ޤައުމުން ބޭނުންވަނީ ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދުތަކުގައި ހިންގަމުންދާ ޤަތުލުޢާއްމުތައް ހުއްޓުވުމަށްކަމަށެވެ. އަދި އެއީ މަޝްވަރާކޮށްގެން ޙައްލުކުރެވޭނެ ކަމެއްކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ނަމަވެސް ނޭޓޯއާއި އެމެރިކާއިން ބުނެފައިވަނީ ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް އުޒުރަކަށް ދެއްކުމަށްފަހު އެ ޤައުމަށް ރަޝިޔާއިން ޙަމަލާ ދިނުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެ ގޮތުން ނޭޓޯއާއި އެމެރިކާއިން ލަފާކޮށްފައިވަނީ މި މަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންނަށް ހަމަލާ ދޭނެކަމަށެވެ.
2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

