އިސްރާއީލާއެކު ގާތް ގުޅުންތަކެއް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ދައުލަތަކަށް ތުރުކީވިލާތުން ދޭ އަހައްމިއްޔަތުކަން ކުޑަނުކޮށް ދަމަހައްޓާނެކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވަޝޮގްލޫ ވިދާޅުވެއްޖެއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ އިސްރާއީލުގެ ރައީސް އިސާކް ހަރޒޯގް އަންނަ މަހު ތުރުކީއަށް ދަތުރެއް ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ދެ ޤައުމުގެ ގުޅުންތައް ހީނަރުވުމާ ގުޅިގެން ވަނީ 2018ވަނަ އަހަރު އެޤައުމުތަކުގައި ތިބި ސަފީރުންވެސް ބޭރުކޮށްލާފައެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ހަރޒޯގް އަންނަ މާރޗު މަހުގެ މެދުތެރޭގައި ތުރުކީވިލާތަށް ވަޑައިގަންނަވާނެކަމަށާއި މިއީ ފާއިތުވި އަހަރުތަކުގައި ތުރުކީވިލާތަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅުކަމަށެވެ.
އަދި މިދަތުރުފުޅުގައި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ޤައުމުން މަޝްވަރާކުރުމަކީ އެކަށީގެންވާކަމެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ. އެހެންނަމަވެސް މި ދަތުރުފުޅުގެ އެއްވެސް ކަމަކާއި ގުޅެގޮތުން ހަރޒޯގް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

