ޗައިނާއާ ދެކޮޅަށް ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުން ހަރުކަށި ޤަރާރެއް ފާސްކޮށް

ޗައިނާއާ ދެކޮޅަށް ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުން ހަރުކަށި ޤަރާރެއް ފާސްކޮށް

ޗައިނާއާ ދެކޮޅަށް ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ހަރުކަށި ޤަރާރެއް ފާސްކޮށްފިއެވެ.

ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރި ޤަރާރުގައި އެ ޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާއަށް ގޮވާލާފައިވަނީ ޗައިނާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށެވެ. އެ ޤަރާރުގައި ޗައިނާގެ ސަރުކާރުން އެ ޤައުމުގެ ޝިންޖިޔާނުގައި ދިރިއުޅޭ އުއިގޫރު މުސްލިމުންނާ ދެކޮޅަށާއި ޓިބެޓާއި ހޮންގް ކޮންގާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައްވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ޤަރާރުގައި ބުނެފައިވަނީ އިންސާނީ ޙައްޤުތަކަކީ ދާޚީލީ މައްސަލައެއްކަމަށް ބުނެވެން ނޯންނާނެކަމަށާއި އިންސާނީ ޙައްޤުތަކަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަށަވަރުކޮށްދީފައިވާ ކަމެއްކަމަށެވެ. އަދި އިންސާނީ ޙައްޤަކަށް އުނިކަން ލިބޭނެކަމެއް ކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ކުރިމަތިވާނެ ނުރައްކަލެއްކަމަށްވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.

ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ގޮވާލާފައިވަނީ އެ ޤައުމުގެ ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން އެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށެވެ.

ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ހަރުކަށި ޤަރާރެއް ފާސްކޮށްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ފިނި މޫސުމުގެ އޮލިންޕިކްސް ކުޅިވަރުތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އޮލިންޕިކްސާ ދިމާކޮށް ޗައިނާއަށް ޖަޕާނުގެ މަތީ ފަންތީގެ ވަފުދެއް ނުފޮނުވުމަށް ކިޝީޑާގެ ސަރުކާރުންވަނީ ނިންމައިފައެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާ އިސްވެވަނީ އޮލިންޕިކްސްގައި އެއްވެސް ޤައުމެއްގެ ސަރުކާރުގެ ވަފުދަކުން ބައިވެރިނުވުމަށް ބާރުއަޅައިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ކިޝީޑާވަނީ ޗައިނާއާމެދު ސަމާލުވުމަށް ވަރަށް ބޮޑަށް އިލްތިމާޞްކޮށްފައެވެ. އަދި ޗައިނާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ދެނެގަތުމަށް ކިޝީޑާގެ މުޝީރުގެ މަޤާމަށް ކުރީގެ ދިފާޢީ ވަޒީރު ޖެން ނަކަޓާނީވަނީ ޢައްޔަންކުރައްވައިފައެވެ.

ޗައިނާއަކީ ޖަޕާނުގެ މުޙިއްމު އިޤްތިޞާދީ ބައިވެރިއެކެވެ. ޚާއްޞަކޮށް ޖަޕާނުގެ ކާރުފަދަ އުޅަނދުތައް އުފައްދާ ކާރުޚާނާތައް ޤާއިމުކޮށްފައިވަނީ ޗައިނާގައެވެ. ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރި ޤަރާރުގައި ޗައިނާގެ ނަން ހިމަނާފައެއް ނުވެއެވެ. އަދި އިންސާނީ ޙައްޤުތަކާ ޚިލާފުވުމުގެ ބަދަލުގައި ފާހަގަކޮށްފައިވަނީ އިންސާނީ ޙާލަތުގެ ވާހަކައެވެ. ބެލެވޭ ގޮތުގައި އެ ގޮތަށް އެ ޤަރާރު ފަރުމާކުރީ ދެ ޤައުމުގެ ގުޅުމަށް އަސަރުނުކުރާނެ ގޮތަކަށް އެ ޤަރާރު ފާސްކުރުމުގެ ބޭނުމުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *