އަރަބި ގައުމުތަކަށް އާދަޔާޙިލާފަށް ސްނޯ ފައިބަނީ

އަރަބި ގައުމުތަކަށް އާދަޔާޙިލާފަށް ސްނޯ ފައިބަނީ

އަރަބި ގައުމުތަކަށް މީގެ ކުރިން ސްނޯ ފައިބާފައި ނުވާ މިންވަރަށް މިއަހަރުގެ ފިނި މޫސުމުގައި ސްނޯ ވެހެމުން އެބަދެއެވެ.

އާދަޔާ ޚިލާފަށް ސްނޯ ވެހެމުންދާ އަރަބި ގައުމުތަކުގެ ތެރޭގައި ސޫރިޔާ، ފަލަސްތީން، ލުބްނާން، އުރުދުން، އިރާގު، މިސްރު، އަދި ސައޫދީ އަރަބިޔާގެ އުތުރުގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ. ސޫރިޔާގެ އުތުރުގެ ސަރަހައްދު ތަކަކީ ކުރިންވެސް އާންމުކޮށް ސްނޯ ވެހޭ ގައުމެކެވެ.

ނަމަވެސް މިއަހަރުގެ ފިނި މޫސުމުގައި އެގައުމުގެ އެކި ސަރަހައްދުތަކަށް ސްނޯ ވެހިފައިވަނީ އާދަޔާ ޚިލާފަށް ގިނަކޮށެވެ. ދިރިއުޅުމަށް ދަތިވެ ނިކަމެތިކޮށް އުޅެންޖެހިފައިވާ މީހުން ފިނިގަދަވެގެން ވޭންއުފުލައި އަދި ހާލުދެރަވެ މަރުވާ މިންވަރަށެވެ.

މިހާ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބަކީ ޝާމް ކަރައާއި އަނަތޯލިޔާ ސަރަހައްދާއި މެޑިޓަރޭނިއަން ކަނޑުގެ އިރު އުތުރަށް މިދިޔަ ހަފްތާގައި ކުރިމަތިވި ލޯ ޕްރެޝަރ ޓްރަފެއް ކަމަށް އެސަރަހައްދުގެ ގައުމުތަކުގެ މޫސުމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އަރަބި ގައުމުތަކުގެ އުތުރުން ތުރުކީއާއި ގްރީސް އަށްވެސްވަނީ ވަރަށް ބޯކޮށް ސްނޯ ފައިބާފައެވެ.

އެހެންކަމުން ސްނޯ ފޭބުމުގެ ސަބަބުން އެންމެ ބޮޑު ވޭނެއް ތަހައްމަލް ކުރަންޖެހިފައިވަނީ ސޫރިޔާގެ އުތުރުގައިވާ ރެފިއުޖީ ފޭލިގެތަކުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެން ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީ އާއިލާތަކަށެވެ.

ފިނި ހޫނުމިން މައިނަސް ފަހަކަށް ވުރެ ދަށަށް ދިޔުމާ އަދި ގަދައަށް ސްނޯ ފޭބުމާއެކު ތަހައްމަލް ކުރަންޖެހޭ ގަދަ ފިނީގެ ސަބަބުން ފޭލިގެތަކުގައި ދިރިއުޅޭ މީހުން ގެންދަނީ ހޫނުކުރާނެ އެއްވެސް ވަސީލަތެއްނެތި ގަދަ ފިނި ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން އެހީގެ އަތެއް ފޯރުކޮށް ދިނުމަށް ގޮވާލާ މުޅި ދުނިޔެއަށް އާދޭސް ކުރަމުންނެވެ. މި ގަދަ ފިންޏާއެކު ރެފިއުޖީ ކޭންޕްތަކުން އިވެމުންދަނީ ކުޑަކުދިން ރުއިމުގެ އަޑާއި ދުވަސް މުސްކުޅިންގެ ކެކުޅުމުގެ އަޑުތައް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތަކާއި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސޫރިޔާ އުތުރުގައި ސްނޯއިން ފޮރުވިފައިވާ ރެފިއުޖީ ކޭންމްތަކުން ކޮންމެ ދުވަހަކު ފިނީގެ ސަބަބުން އެތަށް ކުޑަކުދިންނެއް މަރުވެއެވެ.

ފަލަސްތީނާއި އުރުދުން އަށް ބަލާއިރު އެދެގައުމުގެ މަގުތައް ވަނީ ސްނޯގެ ބަންދުވެ ދަތުރުފަތުރުކުރުން ހުއްޓިފައެވެ. މިއާއެކު ގިނަ ވިޔަފާރިތަކާއި ސްކޫލްތައްވަނީ ބަންދުކޮށްފައެވެ. އިސްރާއީލު ވެރިވެގެނެގެން އުލޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްތަކާއި ގުދްސުގައި މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ސަރަހައްދުވަނީ ގާތްގަނޑަކަށް އެއްފޫޓާއި ދޮޅު ފޫޓާ ދެމެދުގެ ބޯ މިނުގައި ސްނޯއިން ފުރިފައެވެ. ނަމަވެސް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިން ގެންދަނީ ފިނީގައި ބޭރަށް ނުކުމެ ސުނޯގެ ތެރޭގައި މަޖާކުރަމުންނެވެ.

ސްނޯގެ އިތުރުން އަރަބި ގައުމުތަކަށް މިއަހަރުގެ ފިނި މޫސުމުގައިވަނީ ވަރަށް ބޯކޮށް ވަރޭވެސް ވެހިފައެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވި އަރަބި ގައުމުތަކުގެ ތެރޭގައި ކުވައިތު، ސައޫދީ އަރަބިއާ، އުމާން އަދި މިސްރާއި ލިބިއާގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *