ކޮވިޑް ޖެހިގެން އޮސްޓުރޭލިޔާގައި 24 ގަޑިއިރުތެރޭ ރެކޯޑު ޢަދަދަކަށް މީހުން މަރުވެއްޖެ

ކޮވިޑް ޖެހިގެން އޮސްޓުރޭލިޔާގައި 24 ގަޑިއިރުތެރޭ ރެކޯޑު ޢަދަދަކަށް މީހުން މަރުވެއްޖެ

ކޮވިޑް ޖެހިގެން އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދަކަށް މީހުން މަރުވެއްޖެއެވެ.

އޮސްޓުރޭލިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ކޮވިޑް ޖެހިގެން 98 މީހަކު މަރުވެފައިވާކަމަށެވެ. އެއާއެކު އެ ޤައުމުގައި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 3،400އަށްވުރެ އިތުރުވެފައެވެ. ނަމަވެސް އެ ޤައުމުގެ ޞިއްޙީ ތަޖުރިބާކާރުން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ ބަލި މީހުންގެ ނިޞްބަތް ދަށަށް ދާނެކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ ހަލުވިކަމާއެކު އޮސްޓުރޭލިޔާގެ އެކި ސަރަޙައްދުތަކުގައި ފެތުރެން ފަށައިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 40،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. މީގެ ހަތަރު ހަފުތާ ކުރިން އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 400،000އެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ 2 މިލިޔަނަށްވުރެ އިތުރުވެފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގެ 18 އަހަރުން މަތީގެ އާބާދީގެ %93 މީހުންވަނީ ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯސް ފުރިހަމަކޮށްފައެވެ. އަދި އެ ޤައުމުގެ 18 އަހަރުން މަތީގެ އާބާދީގެ %33 މީހުންވަނީ ކޮވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ޖަހައިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *