މާލީގެ ކުރީގެ ރައީސް އިބްރާހީމް ބޫބަކާރު ކެއިޓާ އަވަހާރަވެއްޖެއެވެ. އުމުރުން 76 އަހަރުގެ ކެއިޓާ އަވަހާރަވީ މާލީގެ ވެރިރަށް ބަމާކޯގައި ހުންނަވަނިކޮށެވެ.
ކެއިޓާ އަވަހާރަވިކަން އޭނާގެ އާއިލާގެ މެމްބަރުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އަވަހާރަވި ސަބަބެއް އާއިލާއިން ހާމަނުކުރެއެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މާލީގެ ވެރިކަން ކުރެއްވި ބޫބަކާރު މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އެ ގައުމުގެ ސިފައިން ސަރުކާރާ ދެކޮޅަށް ތެދުވުމާ ގުޅިގެންނެވެ.
2013 ވަނަ އަހަރު ކެއިޓާ މާލީގެ ވެރިކަމަށް ވަޑައިގެންނެވީ އޭރު ބޭއްވި ރިޔާސީ އިންތިހާބުން 77 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ އަދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ގިނަ އަދަދެއްގެ މީހުން ދެކެން ފެށިއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ މަގުބޫލުކަން ދަށަށް ދިޔައެވެ.

