ކޮވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރު ޑޯޒް ޖަހަން އިންޑޮނޭޝިޔާގައި ފަށައިފިއެވެ.
ކޮވިޑްގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި އިންޑޮނޭޝިޔާގައި ބޫސްޓަރު ޑޯޒް ޖަހަން ނިންމާފައިވަނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއި މުސްކުޅިންނަށާއި ދިގުމުއްދަތަކަށް ބޭސްކުރާ މީހުންނަށެވެ.
ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި ކޮވިޑްގެ ރާޅަށްވުރެ ނުރައްކާތެރި ޙަލަތަކާ އެ ޤައުމުން ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަންވަނީ އުފެދިފައެވެ.
އިންޑޮނޭޝިޔާއިންވަނީ އެ ޤައުމުގެ 273 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 208 މިލިޔަން މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދިނުމަށް މަސައްކަތް ފަށައިފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ އެ ޤައުމުގެ އާބާދީގެ %56 މީހުންނެވެ. އިންޑޮނޭޝިޔާގައި ބޫސްޓަރު ޑޯޒްގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ ސިނޮވެކާއި އެސްޓުރަޒެނެކާއާއި ފައިޒާއާއި ޒިފިވެކްސެވެ.
އިންޑޮނޭޝިޔާގައި 4.27 މިލިޔަން މީހުންނަށްވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 144،000އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

