ސޫދާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިިފި

ސޫދާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިިފި

ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހަމްދޫކު މަގާމުން އިސްތިއުފާ ދެއްވީ ސޫދާނުގައި ހިނގަމުންދާ އަސްކަރީވެރިކަން ނިމުމަކަށް ގެނެސް މަދަނީ ސަރުކާރެއް ގާއިމް ކުރުމަށް ގޮވާލައި ކުރަމުން ގެންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ

އިސްތިއުފާ ދެއްވުމުގެ ގޮތުން ނެރުއްވި ބަޔާނުގައި ހަމްދޫކު ވިދާޅުވީ ސޫދާނުގެ ސިޔާސީ ގަޑުބަޑުތަކާއެކު އިގްތިސާދު ހީނަރުވެ ގައުމު ކާރިސާއަކަށް ވެއްޓެމުންދާކަމަށާ ހުރިހާ ފަރާތްތަކެއް ގުޅިގެން ގައުމު ސަލާމަތް ކުރަންޖެހިފައިވާ ކަމަށެވެ. އަސްކަރީ ވެރިން މަގާމުން ދުރުކުރުމަށް ގޮވާލައި ސޫދާނުގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތައް ކާމިޔާބުވާނެކަމަށްވެސް ހަމްދޫކް ވިދާޅުވިއެވެ.

ސޫދާނުގެ އަސްކަރީވެރިން މަގާމުންދުރުވެ ވެރިކަމުގެ ހުރިހާ ބާރުތަކެއް މަދަނީ ސަރުކާރަކާ ހަވާލުކުރުމަށް ގޮވާލައި ސޫދާނުގެ އާންމުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެކުރި މުޒާހަރާތަކުގައި މަދުވެގެން މިލިޔަނެއްހާމީހުން ބައިވެރިވިކަމަށް ރިޕޯޓްތައް ބުނެއެވެ.

އިއްޔެގެ މުޒާހަރާތައް މައިތިރި ކުރުމަށް ސޫދާނުގެ ސަލާމަތީ ބާރުތަކުންވަނީ އާންމުންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ކަރުނަގޭސް ބޭނުންކޮށްފައެވެ. މީގެއިތުރުން ރަބަރުވަޒަން ބޭނުންކޮށްގެން ބަޑިވެސް ޖެހިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަތީޖާއެއްގެ ގޮތުން 3 މީހުން މަރުވިއެވެ. އަދި އެތައް ބަޔަކު ޒަޚަމްވިއެވެ.

ސޫދާނުގެ އަސްކަރީ ވެރިންނަކީ 2019 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބެއްގައި ވެރިކަމަށް އައި ބައެކެވެ. އަސްކަރީ ވެރިންގެ ތެރޭގައި ހިމެނޭ އެންމެ އިސް ބޭފުޅަކީ އިންގިލާބީ ވެރިޔާ އަދި ސޫދާނުގެ އިންތިގާލީ މަޖިލީހުގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ. ޖެނެރަލް ބުރުހާން ވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް އިތުރު އިންގިލާބީ ހަރަކާތެއް ގެންނަވައި އޭނާގެ ސަރުކާރުގެ މަދަނީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކުގެ ކެބިނެޓް އުވާލައި ހަމްދޫކު މަގާމުން ދުރުކުރުމަށްފަހު ހަމްދޫކާއި ބައެއް ވަޒީރުން ހައްޔަރުކޮށްފައެވެ.

ދެވަނަ އިންގިލާބަށްފަހު ޖެނެރަލް ބުރުހާންވަނީ ކުރިންވެސް އިއުލާންކޮށްފައިވާ ގޮތަށް 2024 ވަނަ އަހަރު ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބެއް ބާއްވައި ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ހަވާލު ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ޖެނެރަލް ބުރުހާން ދެއްވި ޔަގީންކަމާއެކުވެސް ސޫދާނުގައި ހިނގަމުންދާ އަސްކަރީވެރިކަން ނިމުމަކަށް ގެނެސް މަދަނީ ސަރުކާރެއް ގާއިމް ކުރުމަށް ގޮވާލައި މިދިޔަ ޑިސެންބަރުމަހުގެ ފަހުކޮޅު ރައްޔިތުންވަނީ އަލުން މުޒާހަރާތައް ފަށާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *