އިންޑިޔާގައި ކޮވިޑް ޖެހޭ މީހުން އަނެއްކާވެސް އިތުރުވަނީ

އިންޑިޔާގައި ކޮވިޑް ޖެހޭ މީހުން އަނެއްކާވެސް އިތުރުވަނީ

އިންޑިޔާގައި ކޮވިޑް ޖެހޭ މީހުން އަނެއްކާވެސް އިތުރުވާކަމަށްބުނެ އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އެގައުމުގައި ދުވާލެއްގެ މައްޗަށް 22،000އަށްވުރެ ގިނަ މީޙުންނަށް ކޮވިޑް ޖެހޭކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 22,775 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އިންޑިޔާގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ޙާލަތު އެންމެ ގޯސްވެފައިވަނީ ވެރިރަށް ނިޔު ދިއްލީއާއި މުންބާއީއާއި ކަލްކަތާފަދަ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައިކަމަށެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. އެ ގޮތުން މީގެ ކުރިން އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ބަލިޖެހެމުންދިޔަ ނަމަވެސް އެ ޢަދަދު މިހާރުވަނީ 20،000އަށްވުރެ އިތުރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަންވަނީ ފެތުރިފައެވެ، މިދިޔަ އަހަރުގެ މެދުތެރޭގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 400،000 މީހުންނަށް ބަލިޖެހި އެތައް ހާސް ބަޔަކުވަނީ މަރުވެފައެވެ.

އިންޑިޔާގައި އޮމިކްރޯން ފެތުރުން ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން އިންޑިޔާގައި އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑުގެ ގަޑިތަކުގައި ބޭރަށް ނުކުތުން މަނާކުރުމާއި ރެސްޓޯރެންޓުފަދަ ތަންތަނުން ޢާއްމުންނަށް ޚިދުމަތް ފޯރުކޮށްދޭ ޢަދަދު މަދުކުރުން ހިމެނެއެވެ.

އިންޑިޔާގައި އޮމިކްރޯން ޖެހުނު މީހުންގެ ޢަދަދުވަނީ 1،000އަށްވުރެ އިތުރުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *