ދެއަހަރު ދުވަހުގެ ދިގުމުއްދަތަކަށް މެދުކެނޑިފައި އޮތުމަށްފަހު މެލޭޝިޔާގެ ބަޖެޓް އެއާލައިން، އެއާ އޭޝިޔާއިން ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް އިއްޔެ ފަށައިފިއެވެ.
ބެންކޮކްގެ ޑޮން މުއާންގް އެއާޕޯޓުން ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވާ ކަމަށް އެއަރ އޭޝިޔާއިން ނެރުނު ބަޔާނުގައި ބުނެފައިވީނަމަވެސް ދުވާލެއްގެ މައްޗަށް އޮންނާނީ ކިތައް ފްލައިޓް ކަމާއި ޓިކެޓުގެ އަގު ހާމަކޮށްފައިނުވެއެވެ.
ކޮވިޑްގެ އައު ވޭރިއަންޓް އޮމިކޮރޯން ފެތުރެމުންދާތީ ތައިލެންޑުން ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނު ވާންޖެހޭ ގޮތަށް އުސޫލްތައް މިވަނީ ބަދަލުކޮށްފައެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމަޔަށް ވެކްސިން ޖަހާފައި ތިބޭ ފަތުރުވެރިން ތައިލެންޑަށް އެތެރެވުމަށް ފަހު އެއް ދުވަހުގެ ކަރަންޓީނުވެ ކޮވިޑްގެ ނައްސި ނަތީޖާއާ އެކު ކަރަންޓީނުން ދޫކޮށްލައެވެ. އަލަށް އަމަލުކުރަން ފަށާފައިވާ އުސޫލުގެ ދަށުން ތައިލެންޑަށް އެތެރެވާ އެންމެންވެސް ހަތް ދުވަހާ 10 ދުވަހުގެ މުއްދަތަކަސް ކަރަންޓީނު ވާންޖެހޭނެއެވެ.
ކޮވިޑް-19 އިން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން ތައިލެންޑުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރ 18 ވަނަ ދުވަހުގައެވެ.

