އާންމު އެއްވުން ގިނަވެ އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދަކަށް ބެލިފެތުރެނީ

އާންމު އެއްވުން ގިނަވެ އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދަކަށް ބެލިފެތުރެނީ

ޢާއްމު އެއްވުންތަކާއި ޕާޓީތައް ގިނަވެ އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދަކަށް ކޯވިޑް-19 ފެތުރެން ފަށައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޮސްޓުރޭލިޔާގައި 3,820 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ނިޔު ސައުތު ވޭލްސާއި ވިކްޓޯރިޔާ ސުޓޭޓުންނެވެ. ނިޔު ސައުތު ވޭލްސުން ބުނެފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައި އެ ސުޓޭޓުގައި ދުވާލެއްގެ މައްޗަށް 25،000 މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮތްކަމަށެވެ.

އޮސްޓުރޭލިޔާގެ 25 މިލިޔަން މީހުންގެ އާބާދީގެ %75 މީހުން ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުމުން އެ ޤައުމުގެ ސަރުކާރުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. ނަމަވެސް އެ ލުއިތަކާއެކު ގިނަ ޢަދަދެއްގެ އެއްވުންތަކާއި ޕާޓީތައް ބާއްވައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ޢާއްމުން ފަރުވާކުޑަކުރަން ފެށުމުން އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދަކަށް ކޯވިޑް-19 ފެތުރެންވަނީ ފަށައިފައެވެ.

ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރީންވަނީ އޮސްޓުރޭލިޔާގައި ހަލުވިކަމާއެކު ފެތުރެން ފަށައިފައެވެ. ނަމަވެސް އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންވަނީ ފުރަބަންދުގެ އުޞޫލުތަކެއް އިޢުލާނުކުރައްވަން ބޭނުންނުވާކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން މޮރިސަން ވިދާޅުވީ އޮސްޓުރޭލިޔާގައި ބަލިފެތުރޭ މިންގަނޑަކަށް ބަލާނީ ބަލިޖެހޭ މީހުންގެ ޢަދަދު ނޫންކަމަށާއި ބަލިޖެހިގެން ހަސްފަތާލުން ފަރުވާ ހޯދަން ޖެހޭ މީހުންގެ ޢަދަދަށްކަމަށެވެ. އަދި އޮމިކްރޯން ޖެހޭ މީހުންގެ ޙާލަތު އިތުރަށް ގޯސްނުވާކަން ޞިއްޙީ މާހިރުން ބުނެފައިވާކަމަށް އޭނާވަނީ ފާހަގަކުރައްވައިފައެވެ.

އޮސްޓުރޭލިޔާގައި ޖުމުލަ 243,000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި 2,134 މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *