އިދިކޮޅުން ބާއްވަން އުޅުނު ސައިކަލް ބުރު ފުލުހުން ހުއްޓުވައިފި

އިދިކޮޅުން ބާއްވަން އުޅުނު ސައިކަލް ބުރު ފުލުހުން ހުއްޓުވައިފި

އިދިކޮޅު ޕީޕީއެމް އިން އިންތިޒާމުކޮށްގެން މިއަދު ހަވީރު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ބުނެ އެ އެ ސައިކަލު ބުރަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެ ހުއްޓުވައިފި އެވެ.

"އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއްކަމުގައިވީ ހިނދު އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން ސައިކަލް ބުރު ފަށަން ތައްޔާރުވަމުންދަނިކޮށް ގިނަ އަދަދެއްގެ ފުލުހުން ނުކުމެ، އެ ސަރަހައްދު އެއްކޮށް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. ގައުމީ ކުލަަތަކުގެ ދިދަ ހިފައިގެން ސައިކަލް ބުރު ފެށީ ޕީޕީއެމް އޮފީސް ކުރިމަތިން ރާޅުގަނޑާ ދިމާލަށެވެ. ނަމަވެސް ފުލުހުންގެ މަގު ބަންދުކޮށްފައި އޮތުމުން ވެހިކަލްތަކަށް ދެވޭ ގޮތެއް ނުވި އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީޕީއެމްއިން އިންތިޒާމްކޮށްގެން މިއަދު މާލޭގެ މަގުތަކުގައި ބެއްވުމަށް ރާވާފައިވާ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން، އާންމު މަސްލަހަލު ހިމާޔަތްކޮށް، އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނީ ޒިންމާއެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އާންމު މަސްލަހަތު ގެއްލި، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެފަދަ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *