ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޖަރުމަންވިލާތު ފުރަބަންދުކޮށްފި

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޖަރުމަންވިލާތު ފުރަބަންދުކޮށްފި

ކޮވިޑް-19 އިން ދިފާއުވުމަށް ޖަރުމަންވިލާތުގައި ވެކްސިން ނުޖަހާ މީހުން ގެއިން ބޭރަށް ނުކުތުން މަނާކޮށް، އެގައުމު ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދު ކޮށްފައިވާ ކަން އިއުލާންކޮށްފިއެވެ.

ފުރަބަންދު ކުރުމުގެ އިތުރުން އެގައުމުގައި ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށްވެސް ޖަރުމަންވިލާތުގެ ސަރުކާރުން މިއަދުވަނީ އިއުލާންކޮށްފައެވެ.

އެގައުމުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި އެކަމަނާއަށް ފަހު އެމަގާމާއި ހަވާލުވާ އޮލަފް ޝޮލްޒް މިއަދު އިއުލާން ކުރައްވާފައިވާ ގޮތުގައި އެގައުމުގައި ވެކްސިން ނުޖަހާ މީހުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށްވެސް ވިޔަފާރިކުރާ ތަންތަނަށް ދިއުން މަނާވާނެ ކަމަށް ވެއެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް ސުޕަރމާކެޓްތަކާއި ފާމަސީތަކަށް ވަނުމުގެ ހުއްދައެއްވެސް ނޯންނާނެއެވެ.

ޖަރުމަންވިލާތުން ވަނީ ހުރިހާ އެންމެން ވެސް ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ނިންމާފައެވެ. ނަމަވެސް މިނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ޖަރުމަންވިލާތުން ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައި މިވަނީ ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނަމުން ދާތީ އާއި މިހާރު ފެނިގެން އުޅޭ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލަތު ބަދަލުވެދާނެތީއެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރުކަން 16 އަހަރު ކުރެއްވުމަށް ފަހު މާކެލް މިރޭ މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާކެލް ވިދާޅުވީ ޖަރުމަންވިލާތް ކޮވިޑްގެ ހަތަރުވަނަ ރާޅުން ސަލާމަތް ކުރުމަށް މިހާރުގެ ހާލަތާއި މެދު ސީރިއަސްކޮށް ވިސްނައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *