"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފަށައިފި

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފަށައިފި

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފަށައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ފަށާފައިވާ އޯޕަން ވޯޓާ ގެތުމުގައި ގިނަ ކެޓެގަރީތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަ 500 މީޓަރު ފެތުން، އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު (އެއް ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު (ތިން ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދު (ފަސް ކިލޯމީޓަރު)، 18 އަހަރުން މަތި (ފަސް ކިލޯމީޓަރު) އަދި 35 އަހަރުން މަތި (ތިން ކިލޯމީޓަރު) ހިމެނެއެވެ.

އަދި އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ހިމެނެނީ ޓީމު އިވެންޓް (10 ކިލޯމީޓަރު) އެވެ. މި ބައި ކުރިއަށްދާނީ އަންހެން އަދި ފިރިހެން އެއްކޮށް ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

ހުކުރު ދުވަހުގެ ހެނދުނު މާލޭ ރަސްފަންނު ބޭރުގައި އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފެށިއިރު، މި މުބާރާތް ކުރިއަށްދާނީ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ސާފިން އާއި ބޮޑީބޯޑިންގެ އިވެންޓުތައް ބާއްވަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ.

ފަރުމަތި އިވެންޓްސްއިން މައުލޫމާތުދޭ ގޮތުން "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. އަދި މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *