ހަމައެކަނި ސޯޝަލް މީޑިއާ ކުންފުންޏެއްގެ ގޮތުގައި ފޭސްބުކް ލޭބަލްވެފައި އޮންނަ އޮތުން ބަދަލު ކުރުމަށް، އެކުންފުނީގެ ނަން "މެޓާ"އަށް ބަދަލުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނީގެ ނަން މެޓާއަށް ބަދަލުކުރަން ނިންމާފައިވާކަން އެކުންފުނީގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް ހާމަކުރީ އިއްޔެ ބޭއްވި އެކުންފުނީގެ ވަރޗުއަލް ރިއަލިޓީ އެންޑް އޮގްމެންޓަޑް ރިއަލިޓީ ކޮންފަރެންސްގައެވެ. ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރިނަމަވެސް، އެކުންފުނީގެ މަޝްހޫރު އެޕްލިކޭޝަންކަމަށްވާ ފޭސްބުކްގެ ނަމަކަށް ބަދަލެއް ނާންނާނެއެވެ.
ފޭސްބުކްގެ އިތުރުން، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ މައި ކުންފުނިކަމަށްވާ ފޭސްބުކް ކުންފުނީގެ ނަން "މެޓާ"އަށް ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ސޯޝަލް މީޑިއާ މީޑިއާ ކުންފުންޏެއްގެ ގޮތުގައި ލޭބަލްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. އަދި އެކުންފުނީގެ އެޕްލިކޭޝަންކަމަށްވާ ފޭސްބުކްއާ ގުޅުވައިގެން ދައްކާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން އެކުންފުނީގެ އެހެން ޕްރޮޑަކްޓްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަކީވެސް ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ފޭސްބުކް އަމާޒު ހުންނަނީ ސޯޝަލް މީޑިއާ ކުންފުންޏެއްގެ ބަދަލުގައި، މެޓަވާސްއެއް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީގެ މުޅިން އައު ދުނިޔެއެއްް ތަރައްޤީކުރުމަށެވެ.
ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރިނަމަވެސް، އެކުންފުނީގެ އޮނިގަނޑަށް މާބޮޑު ބަދަލެއް ނާންނާނެއެވެ. ނަމަވެސް އެކުންފުނިން އާއްމުކުރާ މާލީ ހިސާބުތައް އާއްމުކުރާއިރު ބަދަލުތަކެއް ގެންގުޅޭނެއެވެ. އަދި ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ސްޓޮކް ސްޓިކަރ އެމް.ވީ.އާރު.އެސްއަށް ބަދަލުވެގެންދާނެއެވެ.
މިފަދަ ބަދަލުތަކެއް ފޭސްބުކްއިން ގެންނަން ނިންމާފައިވާއިރު އެކުންފުންޏަށް މިހާރު ދަނީ ދުނިޔޭ އެކި ސަރަހައްދުތަކުގެ ރެގިއުލޭޓަރުންގެ ނުރުހުން ލިބެމުންނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ފޭސްބުކް އެޕްލިކޭޝަންގެ ނޭދެވޭ އަސަރު ފުރާވަރު ކުދިންނަށް ކުރާކަން އެކުންފުންޏަށް އެނގުމުންވެސް އެއްވެސް ފިޔަވަޅެއް ނާޅާކަން ރިޕޯޓަކުން ހާމަވުމުންނެވެ.

