އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ޗެމްޕިއަންކަން އިންޑިއާއަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ޗެމްޕިއަންކަން އިންޑިއާއަށް

"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުން އިންޑިއާ މޮޅުވީ ނޭޕާލް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭއިރު، މިއަހަރުގެ މުބާރާތުގެ ކުރިން އެ ގައުމުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2015 ވަނަ އަހަރެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އިންޑިއާގެ ކޯޗާއި ނޭޕާލުގެ ކޯޗަށް ޓީމަށް އިރުޝާދުދިނުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. މި މެޗަށް އިންޑިއާގެ ކޯޗު އައިގޯރް ސްޓިމަކް ސަސްޕެންޑުވީ އެންމެ ފަހުން ރާއްޖެ އަތުން މޮޅުވި މެޗުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އަދި ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ސަސްޕެންޑުވީ ލީގު ބުރުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

ސަސްޕެންޝަނުގެ ސަބަބުން ކޯޗްއަށް ބައިވެރި ނުވެވި ކުޅުނު މި މެޗު ފަށައިގެން އިންޑިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ މުހައްމަދު ޔާސިރު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ނޭޕާލުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ 10 މިނެޓު ފަހުން އޭރިއާ ތެރެއިން ޔާސިރު ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ނޭޕާލުގެ ޑިފެންޑަރުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އިންޑިއާއިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޕްރީތަމް ނަގައިދިން ހުރަހަކުން އެ ޓީމަށް ލީޑު ނަގައިދިނީ ޗެތުރީއެވެ. އަދި އޭގެ މިނެޓެއް ފަހުން ޔާސިރު ދިން ބޯޅައަކުން ސުރޭޝް ސިންހް ވަންޖަމް ވަނީ ލަނޑެއް ޖަހައި، އިންޑިއާގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުންވެސް އިންޑިއާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 68 ވަނަ މިނެޓުގައި ޗެތުރީއަށް ވަނީ އިތުރު ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނޭޕާލުގެ ގޯލްކީަޕަރު ކިރަންއެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ މަންދަރު ރާއޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ލަނޑެއް ޖެހުމަސް ނޭޕާލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ރޯހިތު ޗާންދަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ނޭޕާލުގެ މަނީޝް ޑަންގީ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގައި އިންޑިއާއިން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަހަލް އަބްދުލް ސަމަދެވެ.

މި މޮޅާއެކު މި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދިއިރު، ފަސް ގައުމު ވާދަކުރި މި މުބާރާތުގެ ތިންވަނަ ހޯދީ ރާއްޖެއިންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *