އެޕްސްޓޯރުން "ޤުރުއާން މަޖީދު" އެޕް ނަގައިފި

އެޕްސްޓޯރުން "ޤުރުއާން މަޖީދު" އެޕް ނަގައިފި

ޗައިނާގައި ބޭނުން ކުރާ އެޕަލްގެ އެޕް ސްޓޯރުން ކީރިތި ޤުރުއާންގެ އެޕްލިކޭޝަނެއް ކަމަށްވާ "ޤުރުއާން މަޖީދު" ނަގަން ޗައިނާ ސަރުކާރުން އެންގުމުން އެއެޕްލިކޭޝަން ނަގައިފިއެވެ.

މިކަމާ ބެހޭ ގޮތުން އެޕަލްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ޗައިނާގައި އެޕް ސްޓޯރުން ގުރުއާން ޑައުންލޯޑްނުކުރެވޭ ގޮތަށް ހެދީ އެއީ އެ ގައުމުގައި ހުއްދަ ނޫން އެއްޗެއް ކަމަށް ބުނެ ޗައިނާ ސަރުކާރުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

"ބީބީސީ" އިން ބުނާ ގޮތުގައި ޤުރުއާން އެޕްލިކޭޝަން އެޕް ސްޓޯރުން ނަގަން ޗައިނާ އިން އެންގީ ގާނޫނާއި ހިލާފަށް ދީނީ ލިޔުންތަކެއް ހިމެނޭ އެޕްލިކޭޝަނެއް ކަމަށް ބެލެވިގެންނެވެ. އެގޮތައް ބެލެވިފައި ވަނީ އެޕްލިކޭޝަން އެޕް ސްޓޯރަށް ލުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނެތުމުންނެވެ.

ޤުރުއާން މަޖީދު އެޕްލިކޭޝަނަކީ ދުނިޔޭގެ އެކި ގައުމުތަކުން 40 މިލިއަން މުސްލިމުން ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. އަދި މިކަމާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާގެ ސަރުކާރުގެ އެންގުމަށް މިދިޔަ އަހަރުވެސް ވަނީ 47،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އެޕަލްގެ އެޕްސްޓޯރުން ނަގާފައެވެ.

އެޕަލް އަކީ ކުރިން ވެސް ޗައިނާގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނު ކުންފުންޏެކެވެ. އޭގެ ތެރެއިން 2016 ގައި އައިބުކްސްޓޯރާއި އައިޓިއުންސް ޗައިނާގައި ހުއްޓައިލަން ޖެހުނެވެ.

ޗައިނާގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ބޭރުގެ އެޕް ސްޓޯރުތައް އެ ގައުމުގައި އޮޕަރޭޓްކުރެވެނީ ޗައިނާގެ ކުންފުންޏަކާ އެކު ޖޮއިންޓްވެންޗާ ހަދާ ނަމަ އެވެ. އެކަމަކު މިހާތަނަށް އެޕް ސްޓޯރަށް އޭގެ ތެރެއިން މައްސަލައެއް ކުރިމަތިވެފައެއް ނެތެވެ. އެޕް ސްޓޯރް ޗައިނާގައި ހިންގަނީ ސީދާ އެ ކުންފުނީގެ ބާރުގެ ދަށުންނެވެ.

ޗައިނާގެ ގިނަ އަދަދެއްގެ އެޕްތަކެއް އެޕް ސްޓޯރުން ނެރެލި އިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ ޓިކްޓޮކާއި ވީޗެޓް އެމެރިކާގައި މަނާކުރައްވާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. މި މައްސަލާގައި ޗައިނާ އަށް އޮތް ގޮތަކީ ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލުމެވެ. އަދި ޗައިނާގެ ވާވޭ އަށް އެމެރިކާ އިން ކުރާ ތުރާލަކީ ވެސް ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ބުރުލެއް އަރާފައިވާ ކަމެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *