މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަރުމާ ކޮށްފައިވާ ޖާޒީ ވިއްކުމުގެ ހުއްދަ ނެތް ފަރާތް ތަކުން އެ ޖާޒީ ނުވިއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިލްތިމާސް ކޮށްފި އެވެ.
އެފްއޭއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ ފަރާތުން ސާފް ޗެމްޕިއަންޝިޕްގައި ބޭނުން ކުރަން ތައްޔާރުކޮށްފައިވާ އޮފިޝަލް ޖޯޒީއަކީ ވަކި އެއްބަސްވުމެއްގެ ދަށުން، ބަޔަކަށް ރައިޓްސް ދީގެން ވިއްކުމަށް ހުއްދަ ދީފައިވާ ޖާޒީއެއް ކަމަށެވެ.
"ސާފްގައި ބޭނުންކުރާ ރަސްމީ ޖޯޒީ ވިއްކުމުގެ ހުއްދަ ދީފައިވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އޮފިޝަލް ޖޯޒީ ވިއްކުން ހުއްޓާލުމަށް ތިޔަ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އެސޯސިއޭޝަންގެ ފަރާތުން އެދެނީ ހުއްދަނެތި ވިއްކަމުންދާ، ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބޭނުންކުރުމަށް، ފަރުމާކޮށްފައިވާ އޮފިޝަލް ޖޯޒީ ވިއްކުމަށް ބޭނުން ވާ ނަމަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ތިޔަ އެހެންމެހާ ފަރާތްތަކުން އަމަލުކޮށް ދެއްވުމަށެވެ." އެފްއޭއެމްގެ ބަޔާނުގައިވެއެވެ.
މިއީ ކޮޕީރައިޓާއި، އެއާއި ގުޅޭ އެހެނިހެން ހައްގު ތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަމަތަކާއި ހިލާފު ކަމެއްކަން ފާހަގަ ކުރަމުން، ހުއްދަ ނެތި ޖާޒީ ވިއްކާ ފަރާތް ތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ޖާޒީ ފަރުމާ ކޮށްފައި ވަނީ ގައުމީ ޓީމުގެ ކިޓް ޕާޓްނަރު އައިލެންޑް އެޕެރެލްސް އިންނެވެ. މިއީ ގައުމީ ޓީމުގެ ޖާޒީ ފަރުމާ ކުރަން ރާއްޖޭގެ ބަޔަކާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ.
ފަހުގެ ތާރީހެއްގައި ގައުމީ ޓީމުގެ ރަސްމީ ޖާޒީގެ ކުލަ ރަތް ނޫން އެހެން ކުލައަކުން ހަދާފައި ވަނީ މިފަހަރު އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ހޯމް ކުލައަކީ ހުދެވެ. ރަތް އަދި ފެހި ކުލައިގެ ޖާޒީ ބޭނުން ކޮށްފައި ވަނީ އަވޭ ކިޓަކަށެވެ.

