ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި މިހާރު ސަރުކާރުން ދީފައި އޮތް މުއްދަތަށްވުރެ އިތުރަށް އިތުރު ތިން މަސް ދުވަސް ލިބޭނެ ކަމަށާއި ފްލެޓްތަކަށް ކުލި ދައްކަން ޖެހޭނީ ޑިސެމްބަރު މަހަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން ކުރިން ބުނެފައި އޮތީ ފްލެޓްތައް ހަވާލު ކުރުމަށް ފަހު ފިނިޝިން މަސައްކަތް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ކުލި ނުނަގާ ގޮތަށް ލިބޭނެ ކަމަށެވެ. އެންމެ ފަހުން އެޗްޑީސީ އިން ބުނެފައި އޮތީ ތިން މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ ފްލެޓްތަކަށް ކަރަންޓް ދެވުމުން ކަމަށެވެ. ކަރަންޓް ލިބޭނެ ކަމަށް އެންމެ ފަހުން އެޗްޑީސީ އިން ބުނެފައި އޮތީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.
ކުރިން އިއުލާން ކޮށްފައި އޮތް ތިން މަސް ދުވަހުގެ މުއްދަތު އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގުނަން ފެށުމުން ތިން މަސް ދުވަސް ވާނީ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހަށެވެ. ރައީސް ސޯލިހް މިއަދު ވިދާޅުވި ގޮތަށް އިތުރު ތިން މަސް ދުވަސް ކުލި ނުހިނގާ މުއްދަތަށް އިތުރު ކޮށްފިނަމަ ޖުމްލަ ލިބޭ ހަމަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހަށެވެ.
ނަމަވެސް ރައީސް ސޯލިހް މިއަދު ވިދާޅުވީ ޑިސެމްބަރު މަހަށް ފަހު ހިޔާ ފްލެޓްތަކަށް ކުލި ނަގަން ފަށާނެ ކަމަށެވެ.
"ތިމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުނިމޭނެ ކަމުގެ ޝަކުވާއެއް އެލިބުނު ވަރަށް ގިނަ ފަރާތްތަކުން އެބަކުރޭ. މިކަމާއި ގުޅިގެން އެޗްޑީސީ އާއި އަޅުގަނޑުމެން ވާހަކަ ދެއްކިން. މިހާރު އެޗްޑީސީ އިން ނިންމާފައި ވަނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުލި ނުނަގާގޮތަށް. ކުރިން އޮތް މުއްދަތަކަށް ވުރެ ތިން މަސް އިތުރަށް ލިބިގެން އެދިޔައީ. އެއަށްފަހުގައި ކުލި ނަގާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

