އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލް އިމާރާތުގެ މުއްދަތު ހަމަވެ، އެއެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއިން ނިންމައިފިއެވެ.
ދާދި އިހަށްދުވަހާއި ހަމައަށް ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަމުން ދިޔައީ އައްޑޫ އެއާޕޯޓު ހިންގަމުންދާ ކުންފުނިން ދޫކޮށްފައިވާ އިމާރާތުގައެވެ. އެފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައިވަނިކޮށް އެވިޑު ކޮލެޖުން އެސްކޫލް ގަނެ މިހާރުވަނީ ހިންގުމާއި ހަވާލުވެފައެވެ.
އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވެފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އޭއޭއޭ އާއި އެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް އައްޑޫ އެއާޕޯޓް ކުންފުނީގެ ބޯޑުން ނިންމާފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ މަހުގެ ނިޔަލަށެވެ.
އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ވެސް އެއްބަސްވުން އައު ނުކުރުމަށް ބޯޑުން ނިންމި ނަމަވެސް، އެ އަހަރު ވެސް އޭއޭއޭގެ އެދުމުގެ މަތިން އެއްބަސްވުން އައު ކޮށްދީފައިވެއެވެ.
އޭގެ ފަހުން 2020 ވަނަ އަހަރަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ދަރިވަރުންގެ ކޯސް ފުރިހަމަކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެދުމުން އެ މުއްދަތު ވެސް އޭއޭއޭއަަށް ދީފައިވެއެވެ. އެހެންނަމަވެސް މިފަހަރު އެ އެއްބަސްވުން އާ ނުކޮށްދޭން ކުންފުނީގެ ބޯޑުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރެވެންދެން އެ އިމާރާތް އެވިޑް ފްލައިންގ ސްކޫލްއަށް ދޫކުރުމަށް ސަރުކާރުގައި އެދިފައި ވާނެ ކަމަށެވެ. އަދި އެކަން މަގުފަހިކޮށްދިނުމަށް ސަރުކާރުގެ މުވައްސަސާތަކަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
މުޝްތާގް ވިދާޅުވީ އެ އިމާރާތުގެ އެއްބަސްވުން އާ ނުކޮށްދޭނަމަ އެހެން އިމާރާތަކަށް ބަދަލުވެވެންދެން އެ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްވެސް އެދޭ ކަމަށެވެ.
"ސަރުކާރާއި އެކު މަޝްވަރާތަކެއް ކުރެވެމުން ދަނީ މި ކުދިންގެ ކިޔެވުން ނިމެންދެން އައްޑޫގެ މި އިމާރާތުގައި ތިބެން. އަޅުގަނޑުމެން އެދުނިން ކުދިންގެ ކިޔެވުން ނިމެންދެން ތިބެވޭނެ މަގު ހަމަޖައްސާދިނުމަށް. އެ މަގު ފަހިކޮށްދިނުމަށް މުއައްސަސާތަކަށް ރައީސް އޮފީހުން ސިޓީ ފޮނުވާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެގޮތަށް ކުންފުނިން އެއްބަސް ނުވާނަމަ އަޅުގަނޑުމެން އެހެން ތަނަކަށް ބަދަލުވެވެންދެން ތިބުމުގެ ފުރުސަތު ދިނުމަށް ވާނެ އެދިފައި." މުޝްތާގް ވިދާޅުވިއެވެ.
އައްޑޫ ފްލައިންގް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ. ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ.
މިހާރު އޮތް ގޮތުން އެވިޑަށް އައްޑޫގައި ފްލައިން ސްކޫލް ނުހިންގޭނެއެވެ. އައްޑޫގައި ފްލައިން ސްކޫލް ނުހިންގުނު ނަމަވެސް ރާއްޖޭގައި ފުރުސަތު އޮތް އެހެން ދިމާއެއްގައި އެކަން ކުރިއަށް ގެންދާނެ ކަމަށް މުޝްތާގު ވިދާޅުވެއެވެ.

