އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދީފައިވާ ބިމުގައި ހުރި އެއްވެސް އެއްޗެއް ނަގައި ބޭނުންކޮށްފައިވާނަމަ އެތަކެތި ސްޓެލްކޯއަށް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް ޕްލޭނިން މިނިސްޓްރީއިން އަންގައިފިއެވެ.
ސްޓެލްކޯއަށް އެބިން ދީފައިވަނީ 2016 ވަނައަހަރުއެވެ. އެބިމުގައި ވަށައިގެން ފެންސް ޖަހާފައިވަނިކޮށް އެއްވެސް އިންޒާރެއް ދިނުމަކާނުލައި ސްޓެލްކޯގެ ހުއްދައެއް ނެތި ފެންސުތައް ކަނޑައި އެބިމުގައި ހުރި ތަކެތި ސިޓީ ކައުންސިލުން ބޭނުންކުރި މައްސަލައެއް ސްޓެލްކޯއިންވަނީ ފުލުހަށް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ސިނާއީ ސަރަހައްދުގެ ބިމެއްގެ މައްސަލަ މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށައި އެމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީ އިން ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަކީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށާއި އެތަން ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެމިނިސްޓްރީގެ ބެލުމުގެ ދަށުން ސްޓެލްކޯއަށް ދީފަިއވާ ބިމެއްގައި ހުރި ތަކެތި ސިޓީކައުންސިލުން ބޭނުން ނުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިއްޔެ ވާނީ އެ ބިމުގެ ހުރި ތަކެތި ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާނަ އެތަކެތި ސްޓެލްކޯ އާއި ހަވާލު ކުރުމަށް ސިޓީ އަކުން އެ ކައުންސިލަށް އަންގާފަ." ޕްލޭނިންގް މިނިސްޓްރީއިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސިޓި ކައުންސިލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސްޓެލްކޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ބިމުގެ ސެކިއުރިޓީ އަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބަހައްޓާފައިވާ ތަކެތިވެސް ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އެ ބިމުގައި ޖަހާފައިވާ ފެންސްތައް ކަނޑައިގެން އެ ބިމާއި އިންވެގެން އޮންނަ ބިމެއްގައި ޖަހާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނީ މި ބިމަކީ އެކުންފުނީގެ ބެކަޕް ޕަވާ ހައުސް އާއި ގްރިޑް ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ރައްކާކުރުމަށް އެ ކުންފުންޏަށް ދީފައިވާ ބިމެއް ކަމަށެވެ. އަދި ތިލަމާލެ ބުރިޖާއެކު މި ބިމުގައި 132 ކިލޯ ވޮޓުގެ ސަބްސްޓޭޝަނެއްވެސް ގާއިމުކުރާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

