މިދިޔަ ހަފްތާގައި އައްސޭރިފަށުގައި އޮންނަ ބައެއް އަވަށްތަކުގައި ރޯވި އަލިފާންގަނޑުގެ އަސައި ގްރީސްއާއި އިޓަލީވިލާތުގެ އައްސޭރިފަށުގެ ރިސޯޓްތަކަށްވެސް ކުރަން ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
އެގޮތުން ގްރީސްގެ އައްސޭރިފަށުގައި މިހާރު ކޮންމެވެސް ވަރަކަށް އަލިފާން ރޯވެފައިވާއިރު އިޓަލީވިލާތުގެ އައްސޭރިފަށުގެ ރިސޯޓްތަކަށް ދުމުގެ އަސަރު ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ގްރީސް އާއި އިޓަލީވިލާތުގެ އައްސޭރިފަށުގައި ހުންނަ ރިސޯޓްތަކުން ފަތުރުވެރިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ތުރުކީ ވިލާތުންވެސް ވަނީ އެގައުމުގެ މީހުންނާއި އަދި ފަތުރުވެރިންވެސް ރައްކާތެރި ސަރަހަައްދުތަކަށް ބަދަލު ކުރަމުންނެވެ، އަލިފާން ރޯވެފައިވާ ސަރަހައްދުތަކާއި ދިމާލުން ކަނޑުމައްޗަށް މިހާރު ތުރުކީވިލާތު ސިފައިންގެ ގިނަ އަދަދެއްގެ މަނަވަރުތައް ވަނީ ކައިރިކޮށްފައެވެ.
އަލިފާނުގެ ސަބަބުން ތުރުކީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ އަށަކަށް އަރާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ތުރުކީވިލާތާއި ގްރީސް އަދި އިޓަލީވިލާތުގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް ސަރަހައްދުތަކުގެ ހާލަތު ގޯސްވުމަކީ އެގައުމުތަކުގެ އިގްތިޞާދަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކަށާއި އެފްރިކާގެ ބައެއް ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އަލިފާން ރޯވުމުގެ އިތުރުން ހޫނު ގަދަވުމުގެ ސަބަބުން ވެސް މީހުން އަންނަނީ މަރުވަމުންނެވެ.

