ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް އޮތޯރިޓީން ބަލަނީ

ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް އޮތޯރިޓީން ބަލަނީ

މިހިނގާ ޖުލައި މަހުގެ ކަރަންޓު ބިލުތައް އާދަޔަ ޚިލާފަށް ބޮޑުވުމުގެ ސަބަބުން ހުށަހަޅަމުންދާ ޝަކުވާތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފިއެވެ.

މާލެ ސިޓިގެ ގޭބިސީތަކުގެ ކަރަންޓު ބިލުތައް މިމަހު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު މިމަހަކީ ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި ފަހުން ބިލް އައި ފުރަތަމަ މަހެވެ.

އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދިމާވި އިގްތިސާދީ ތަދުމަޑުކަމުގައި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރު ކުރުމާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ސަބްސިޑީއެކެވެ.

ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށް މާލެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓްލެކޯއިން ވަނީ ބުނެފައެވެ.

ކަރަންޓުގެ ހިދުމަތް ދެމުންދާ ފަރާތްތައް ރެގިއުލޭޓް ކުރަން އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ކުރެއްވި އިއުލާނެެއްގައި ބުނެފައިވަނީ ރަސްމީކޮށް އެއޮތޯރިޓީއަށް އެއްވެސް ފަރާތަކުން މައްސަލަ ހުށަހަޅާފައި ނެތަސް އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ) ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން މިއޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ރަސްމީކޮށް މިމައްސަލަ މިއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިއަސް، މިމައްސަލަ މިއޮތޯރިޓީއިން ބަލަމުންދާކަމުގައި ދަންނަވަމެވެ." އޮތޯރިޓީގެ އިއުލާނުގައިވެއެވެ.

ޝޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން އަންނަނީ ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލައި ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ގެންދަން އެދި ޝުއޫރު ފާޅު ކުރަމުންނެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މި މަހު ބޮޑު ވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *