މާލޭގެ ރޯމަސް މާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ތަންތަން ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ އަންގައިފިއެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މަސް މާރުކޭޓުގެ އިމާރާތުގެ މަތީގެ ދެފަންގިފިލާގައި ހުރި މީހުން ނިދާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެކައުންސިލުން ކުރި އިއުލާނާ ގުޅިގެން ރަސްމީޫ ލިއުމެއް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށާއި، ނަމަވެސް އަދިވެސް އެއިމާރާތުގެ އެހެން ތަންތަނުގައި މުދަލާއި ތަކެތި ހުރުމުން، އެތަންތަން ހުސްކުރަން އަންގާ ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
މަސް މާރުކޭޓުގެ މަތީގައި ހުރި "ލިސްޓޯ ފިހާރަ" ފިޔަވައި އެހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެ ތަންތަނުގައި ހުރި އެއްޗެހި އެންމެ ލަސްވެގެން މި މަހުގެ 28 ގެ ކުރިން ނަގައި ހުސްކުރަން ސިޓީ ކައުންސިލުން އެންގި އެވެ.
"އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު މި އިދާރާ އިން ނިންމާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މި އިދާރާ އިން ޒިންމާ ނުވާނެ ވާހަކަ ވެސް އަންގައި އިއުލާން ކުރީމެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.

