އަނިޔާވެރި އަމަލުތައް ހުއްޓުވަން ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ޖެހޭ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވެފައިވާ އެންމެ މުހިންމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމުގެ ވައުދުކަމަށެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދު އަދި ޑރ އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް މަރާލައި ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި "ލޭބަލް"ތަކެއް އަޅުވައި، އެމީހުންނާމެދު މުޖުތަމަޢުގައި ނަފުރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާ އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާމެދު ނަފުރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން، އަންހެނުންގެ ރޫހުން ބުނީ، އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
"މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫނެވެ. އަދި، ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށު ނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ގަބޫލުކުރާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވުރިކަން އުފައްދައި، ގައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް މިރޫހުން ދެކެމެވެ." އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުންޏެވެ.
ނަފުތަރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަށް އަންހެނުންގެ ރޫހުން ގޮވާލައިފައިވާއިރު، ނަފުރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސް ނުކޮށްފިނަމަ ސަރުކާރަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

