ހޮންކޮންގްގެ ނޫހެއް ކަމަށްވާ އެޕަލް ޑެއިލީ ބަންދުކުރި މައްސަލައާ ގުޅިގެން ޔޫރަޕުގެ ޕާލިމެންޓުން އެކަން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް މިމަހުގެ އަށްވަނަ ދުވަހު ޔޫރަޕިއަން ޕާލިމެންޓުންވަނީ ހޮންކޮންގް އިން ހައްޔަރުކޮށްފައިވާ ހުރިހާ ނޫސްވެރިން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައިފައެވެ.
ޔޫރަޕިއަން ޕާލިމެންޓުން ދަނީ އެސިޓީގެ ނޫސްވެރިންގެ މިނިވަންކަން އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުޖން އެޕާލިމެންޓުންވަނީ ނޫސްވެރިންގެ މައްޗަށް ކުރަމުން އަންނަ ދައުވާތައް އެއްވެސް ޝަރުތަކާ ނުލާ ބާތިލް ކުރުމަށް ގޮލައިފައެވެ.
އެޕަލް ޑެއިލީ ނޫސް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ކުރު މުއްދަތުގެ ނޯޓިސްއަކަށްފަހު އިސްކޮށް ހަރަކާތްތެރިވި ނޫސްވެރިން ހައްޔަރުކޮށް އެކުންފުނީގެ މިލްކިއްޔާތުގައި ހުރި ފައިސާތައްވެސް ވަނީ ފްރީޒްކޮށްފައެވެ. އެޕަލް ޑެއިލީ ނޫހާއި ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވަނީ ނެޝަނަލް ސެކިއުރިޓީއާއި ބެހޭ އާގާނޫނެއް މިދިޔަ އަހަރުގެ ޖޫން މަހު ފާސްކުރި ހިސާބުންނެވެ.
މިފަހުން ސަރުކާރުން އެޕަލް ޑެއިލީ ނޫހާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ހިލާފަ ޗައިނާއާއި ދެކޮޅަށް މައުލޫމާތުތަކެއް ޝާއިއު ކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންކުރާ 44 ކޮމްޕިއުޓަރު ސިސްޓަމެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ޗީފް އެޑިޓަރ ހިމެނޭހެން ހަތް ނޫސްވެެރިޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

