ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދު މިއަދުން ފެށިގެން 500 ޑޮލަރަށް އިތުރުކޮށްފިއެވެ. މިއަދަދު ކަނޑައަޅާފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމައަށް ކާޑު ބޭނުން ކުރެވޭނެ ކަމަށްވެސް ބީއެމް އެލް އިން ބުންޏެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.
ބީއެމްއެލް އިން ބުނީ މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށާއި، މިގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ގުޅުންހުރި ލިޔެކިއުންތައް ހުށަހެޅޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއްކޮށްފައި ވާތީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލުގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 16 ވަނަ ދުވަހު އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުން ކަމަށާއި ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން ނިންމީ މިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލާފައި ކަމަށެވެ.
ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

