ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާ ކޮވިޑް-19 ވެކްސިން އުމުރުން ތިން އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ދިނުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ކުޑަކުދިންނަށް ސިނޮފާމް ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ ކުޑަކުދިންނަށް ވެކްސިން ދީގެން ކުރިއަށް ގެންދިޔަ ތަޙްލީލުތައް ނިމުމުންނެވެ. ސިނޮފާމް ވެކްސިން ކުޑަކުދިންނަށް ދީގެން ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުގައިވެސް ވަނީ ތަހްލީލުތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް އަދި ކުޑަކުދިންނަށް ދެމުން އަންނަނީ ވަރަށް މަދު ވެކްސިނެކެވެ. ބަލި ކޮންޓްރޯލް ކުރުމަށް ނުވަތަ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުޑަކުދިންނަށް ވެކްސިން ދެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައިވާ ގައުމަކަށް ޗައިނާ ވެފައިވާއިރު، އެހެން ގިނަ ގައުމުތަކަށް ވެސް ޗައިނާއިން ވަނީ ވެކްސިން ހަދިޔާކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 1.4 ބިލިއަން ޑޯޒުގެ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދީފައެވެ.
ޗައިނާ އިން މަސައްކަތް ކުރަމުން އަންނަނީ އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް މިއަހަރުގެ ނިޔަލަށް ވެކްސިންދީ ނިންމުމަށް ފަހު ޗައިނާ ރައްޔިތުންނަށް އާއްމު އުސޫލުން ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށެވެ.
މިހާތަނަށް ވެސް ކޮވިޑް އެންމެ ފުރިހަމައަށް ކޮންޓްރޯލް ކޮށްފައި ވަނީ ޗައިނާ އިންނެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް ޗައިނާގައި ކޮވިޑް ކޮންޓްރޯލުން ނައްޓާލައިގެން ނުދެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ޗައިނާގެ ބައެއް ސަރަހައްދުތަކުން މަދުމަދުން ކޮވިޑަށް މީހުން އަންނަނީ ފައްސިވަމުންނެވެ.

