ޗައިނާގެ ބޯޓުތަކުން ދެކުނު ޗައިނާ ކަނޑަށް ނަޖިސް އަޅާ މައްސަލަ ބަަލަނީ

ޗައިނާގެ ބޯޓުތަކުން ދެކުނު ޗައިނާ ކަނޑަށް ނަޖިސް އަޅާ މައްސަލަ ބަަލަނީ

ދެކުނު ޗައިނާ ކަނޑަށް ޗައިނާގެ ބޯޓުތަކުން ނަޖިސް އަޅާ ކަމަށް އެމެރިކާގެ ޓެކް ފާމަކުން ހެދި ރިޕޯޓެއްގައި ބުނެފައިވާތީ، އެކަން ބަަލައި ތަހުގީގު ކުރުމަށް ފިލިޕީންސްގެ ޑިފެންސް މިނިސްޓަރު އަންގަވައިފިއެވެ.

ސެޓެލައިޓް ފޮޓޯ އެނެލައިޒްކުރާ އެމެރިކާގެ ސިމުލޭރިޓީ ނަމަކަށް ކިޔާ ފާމަކުން މިހަފްތާ ތެރޭގައިވަނީ، މިދިޔަ ފަސް އަހަރު ތެރޭގައި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ އުޅަނދުތަކުން އެސަރަހައްދަށް ނަޖިސް އެޅުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ސެޓެލައިޓް ފޮޓޯތަކެއް އާންމުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އެސަރަހައްދުގެ މަސްވެރިކަމަށް އަސަރުކޮށްފާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ފިލިޕީންސްގެ ޑިފެންސް ސެކްރެޓަރީ ޑެލްފިން ލޮރެންޒާނާ ނެރުއްވި ބަޔާނެގައި ވިދާޅުވީ، ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ އުޅަނދުތަކުން ނަޖިސް އަޅާކަން ޔަގީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރި ނަމަވެސް، ހުރިހާ ގައުމުތަކުން ގުދުރަތީ ވަސީލަތްތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ސަރަހައްދެއް ނަމަވެސް, އެ ސަރަހައްދަކީ ޗައިނާގެ މުހިންމު ޖިޔޮސްޓްރެޓީޖިކް ސަރަހައްދަކަށްވާތީ އެ ސަރަހައްދުގައިވާ ބައެއް ޖަރީޒާތަކާއި ފަޅުތަކުގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރެއެވެ. އަދި އެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑު އުޅަނދުތަކާއި މަސްބޯޓުތައްވެސް އަބަދުވެސް ހަރަކާތްތެރިވެއެވެ.

އެގޮތުން ފިލިޕީންސް, ބުރުނާއީ, ޓައިވާން, ވިއެޓްނާމް އަދި މެލޭޝިއާ އިންވެސް މިލްކުވެރިކަމަށް ދައުވާކުރާ ސްޕްރެޓްލީ އައިލެންޑްސްގެ ކައިރީގައިވެސް ޗައިނާގެ އުޅަނދުތައް ހަރަކާތްތެރިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *