ޕާކިސްތާނަށް ވިސާ ދޫކުރަން ކުވައިތުން ފަށައިފި

ޕާކިސްތާނަށް ވިސާ ދޫކުރަން ކުވައިތުން ފަށައިފި

10 އަހަރަށްފަހު ޕާކިސްތާނުގެ އާއިލާތަކާއި ވިޔަފާރިތަކަށް ކުވައިތުން ވިސާ ދޫކުރަން ފަށައިފިއެވެ.

މިބަދަލު ގެނެވިފައިވަނީ ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރ ޝެއިހް ރަޝީދާއި ކުވައިތުގެ ބޮޑުވަޒީރު ޝެއިހް ސަބާހް އަލް-ހާލިދް އަލް-ސަބާހް އާއި ދެމެދު ބޭއްވުނު ބައްދަލުވުމަކަށްފަހުގައެވެ.

ޝެއިހް ރަޝީދު ކުވައިތަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ސިޓީއެއް ކުވައިތުގެ ސަރުކާރާ ހަވާލު ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގައި ސިއްހީ ދާއިރާ އާއި ތެލުގެ ކަންކަމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ޓެކްނިކަލް ވިސާ ދިނުމަށް ނިންމާފައިވެއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިން (ޖީސީސީ) ގައި މަސައްކަތް ކުރާ ޕާކިސްތާން މީހުންނަށް ވެސް ކުވައިތުން ވިސާ ދޫކުރާނެއެވެ.

ކުވައިތުން ވިސާ ދޫކުރަން ނިންމުމާ ގުޅިގެން ޝެއިހް ރަޝީދު ވިދާޅުވީ، މި ނިންމުމަކީ ޕާކިސްތާނުގެ މީހުންނަށް ލިބުނު ވަޒީފާގެ ފުރުސަތުތަކެއް ކަމަށާއި އަދި ވިޔަފާރީގެ ވިސާތައް ދޫކުރަން ފެށުމަކީ ދެ ގައުމުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުން ތަފާތުކަމާއި، އެއްގައުމު އަނެއްގައުމަށް ކުލުނާއި ލޯބި އޮންނަ ކަމަށް ކުވައިތުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

"ޕާކިސްތާނުގެ ހުރިހާ ރައްޔިތުން ކުވައިތު ދެކެނީ އެއީ ދެވަނަ އަމިއްލަ ގެ ކަމުގައި" ޝެއިހް ރަޝީދު ވިދާޅުވިއެވެ.

ޝައިހް ރަޝީދު ވިދާޅުވީ ކުވައިތުން ވިސާ ދޫކުރުން ހުއްޓާލުމާއެކު ޕާކިސްތާނުގެ އާއިލާތަކަށާއި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ. ކުވައިތުގެ ތަރައްގީއަށް އައިސްފައިވާ ބަދަލުގައި ޕާކިސްތާން މަސައްކަތްތެރިންގެ ބޮޑު ރޯލެއްް ހިމެނިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *