އީރާނުގެ އެންމެ ބޮޑެތި ސިޓިތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވުމުން، އެގައުމުގައި ކްރިޕްޓިކަރަންސީ މައިން ކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ކްރިޕްޓޮކަރަންސީ މައިންކުރުން މަނާކޮށްފައިވާ ނިންމުން ސެޕްޓެމްބަރ 22 ވަނަ ދުވަހާ ހަމަޔަށް ދެމިއޮންނާނެ ކަމަށެވެ.
ފާއިތުވި އަހަރުތަކުގެ ހޫނު މޫސުމުގައި އެގައުމުން ކަރަންޓު ކެނޑުމަކީ އާންމު ކަމެކެވެ. އެ އަހަރުތަކުގައި ކަރަންޓުގެ މައްސަލަ ދިމާވަމުން ދިޔައީ ހަނަފަސްކަމުގެ ސަބަބުން އެގައުމުގައި ހަކަތަ އުފެއްދުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ނަތީޖާ އިން ކަމަށްވީ ނަމަވެސް އިރާނުގެ އެ މައްސަލަ އިތުރަށް ބޮޑުކުރާ ކޮންމެ ކަމަކަށް ހުރަސްއެޅުމަށް އިރާނުގެ ސަރުކާރުން މަސައްކަތްކުރަން ނިންމިއެވެ. ކްރިޕްޓޮކަރަންސީ މައިންކުރުމަކީ އެކަން ކުރުމަށް ވަރަށް ބޮޑަށް ހަކަތަ ބޭނުންވާ ކަމެކެވެ.
ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުން، އިރާނުގައި މި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެއް ހިންގައެެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތެއްނަމަ ސަރުކާރުގައި ރެޖިސްޓްރީވާން ޖެހެއެވެ. އެ ފަރާތްތަކުގެ ކަރަންޓު ބިލް އެހެން މީހުންނަށް ވުރެ ގިނައިން ފައިސާ ދައްކަން ޖެހި، މައިންކުރާ ކޮއިންތައް ސެންޓްރަލް ބޭންކަށް ވިއްކަން ޖެހެއެވެ. ރައީސް ރޫހާނީ ވިދާޅުވީ އެގައުމުގެ ގާނޫނާއި އެއްގޮތަށް މައިންކުރުމުގެ އޮޕަރޭޝަން ތަކަށް 300 މެގަވޯޓުގެ ކަރަންޓު ބޭނުންކުރާ ކަމަށެވެ. އެ ގައުމުގެ ހަކަތައާ ބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ އަދަދަކީ ދުވާލެއްގެ މައްޗަށް 209 މެގަ ވޯޓެވެ. އިރާނުގައި ކްރުޕްޓޮކަރަންސީ ގަވާާއިދާ ހިލާފަށް މައިންކުރާ މީހުން 2،000 މެގަވޯޓުގެ ކަރަންޓު ބޭނުންކުރާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވެއެވެ. އެގައުމުގައި މި މަސައްކަތް ކުރާ މީހުންގެ ތެރެއިން 85 އިންސައްތަ އަކީ ގާނޫނާ ޚިލާފަށް މައިންކުރާ މީހުންނެވެ.
ރައީސް ރޫހާނީ ވިދާޅުވީ ފެންނަ ފެނުމަށް އެގައުމުގައި ކޮންމެ މީހަކުވެސް ކޮންމެވެސް ވަރަކަށް މައިންކޮށްގެން ބިޓްކޮއިން ގެންގުޅޭ ކަމަށެވެ. އަދި މައިންކުރުން މަނާ ކުރެވުނީ އެގަައުމުގައި ހުއްދަ ނެތި މައިންކުރާ މީހުންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
އިރާނުގައި މައިންކުރުން މަނާ ކުރުމުގެ ސަބަބުން ދުނިޔޭގައި ބިޓްކޮއިން މައިންކުރާ މިންވަރުގެ 3.4 އިންސައްތައާއި 4.5 އިންސައްތައާއި ދެމެދުގެ މިންވަރަކަށް އަސަރުކޮށްފާނެ ކަމަށް ކްރިޕްޓޮ އޮބްޒާވަރުން ލަފާކުރެއެވެ.

