މާފަންނުކޮޅުގައި، 2016ގައި ރަސްފަންނާ އެކު އެމްޑަބްލިޔުއެސްސީން ހެދި ޕެވިލިއަން އަނެއްކާވެސް ސިބްކޯ އަށް ދީފި އެވެ.
ސިބްކޯ އަށް އެތަން ހަވާލުކުރުމާ އެކު އެތަން ހުޅުވުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. އިންޓަނޭޝަނަލް ފްރެންޗައިޒްއެއް ކަމަށްވާ ގްލޯރިޔާ ޖީންސާއި މޯޓީ މަހަލް އަދި ޗިކިން ރެސްޓޯރަންޓް ހިންގި ތިން ބުރީގެ އިމާރާތް ބަންދުކޮށްފައި ހުންނަތާ އެތައް އަހަރެއް ވީ އިރު އެތަން މިހާރު އޮތީ ގޮނޑަކަށް ބަދަލުވެފަ އެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކުރިން ވެސް އެތަން ހަވާލުކުރި ކުންފުންޏަށް އަލުން އެތަން ދެނީ އާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މި ކުރަނީ އެތަން ރޯދައަށް ހުޅުވޭނެ ކަމަށް،" ޝާހު ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ވީބީ މުހަންމަދު ޝަވީދުގެ ހިއްސާ އޮންނަ ކުންްފުންްޏަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕެވިލިއަން ކުއްޔަށް ދިނީ 19 އަހަރުގެ މުއްދަތަށް، މަހަކު 250،000ރ.ގެ ކުއްޔަކަށެވެ. އެކަމަކު އެތަން ހިންގި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލި ދައްކާފައި ނުވާ ކަމަށް ވެ އެވެ. އެމްޑަބްލިޔުއެސްސީން އެތަން ހަދަން ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އިރު، މުޅި ތަނަށް ޖުމްލަ އިންވެސްޓްމަންޓްގެ ގޮތުގައި 14 ވަރަކަށް މިލިއަން ރުފިޔާ އޮތީ ހޭދަވެފަ އެވެ.
ސިބްކޯ އަށް ނޯޓިސް ދިނީ އެތަނަށް ކުލީގެ އިތުރުން، އެޑްވާންސް ފައިސާ ވެސް ނުލިބިގެންނެވެ. ސިބްކޯ އެތަނުން ބޭރުކޮށް، އެމްޑަބްލިޔުއެސްސީން ވަނީ ފައިސާ ހޯދަން މައްސަލަ ކޯޓަށް ވެސް ހުށަޙަޅައިފަ އެވެ. ހަމައެއާ އެކު، އެމްޑަބްލިޔުއެސްސީން ނޯޓިސް ދިން މައްސަލަ ސިބްކޯ އިން ވެސް ކޯޓަށް ހުށަހެޅި އެވެ. މިއިން އެއްވެސް މައްސަލައެއް ކޯޓަކުން އަދި ނުނިމެ އެވެ.
ޝާހު ވިދާޅުވި ގޮތުގައި ޕެވިލިއަނާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުކޮށް، ސިބްކޯއާ އެކު އެތަން ހިންގަން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން"ނެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުގައި ކުންފުނީގެ ލީގަލް ޓީމުގެ އިތުރުން މި މައްސަލަ އަށް ބޭރުން ހޯދި ލީގަލް ކޮންސަލްޓަންޓްގެ ލަފާ ވެސް ހިމެނޭ ކަމަށެވެ.
"ލީގަލް ޓީމުގެ ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެ ކޭސް ކާމިޔާބުވާ ކަހަލަ ގޮތަކަށް ނޫން އޮތީ،" ޝާހު ވިދާޅުވި އެވެ.
"މިހާރު ވެސް މައްސަލަ އެހެން އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ. މީގައި އަޅުގަނޑުމެން ބެލިއިރު އަޅުގަނޑުމެންގެ، އެމްޑަބްލިޔުއެސްސީގެ މައްސަލަތަކެއް ވެސް އެބަ އޮތް. އެހެންވެ އަޅުގަނޑުމެން އެކި ގޮތްގޮތުން ވިސްނީ މައްސަލަ ހައްލުކޮށްފައި އެކަން އަލުން ފަށައިގެން ކުރިއަށް ދާން." ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވި ގޮތުގައި އުންމީދުތަކަކާ އެކު ބޮޑު ހޭދައެއްކޮށްގެން ހެދި ތަން ވީރާނާ ވާން ވެސް ދޫކޮށްލެވޭކަށް ނެތެވެ.
ކޯޓުން ބޭރުން މައްސަލަ ނިންމިއަސް، އެމްޑަބްލިޔުއެސްސީ އަށް އެއިން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

