ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކޮށްދޭނެ އިންވެސްޓަރަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
އިކޮނަމިކް މިނިސްޓްރީން ވަނީ އުތުރުގައި ބައިނަލްއަޤްވާމީ ކޮންޓެއިނަރ ޓްރާންޝިޕްމަންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި މިކަމަށް ޝައުގެވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އިކޮނަމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ރާވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަމާޒު ހިފާފައި ވަނީ އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ބަނދަރުގައި ގާއިމު ކުރުމަށެވެ، މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނަމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެއްކަން ފާހަގަ ކޮށްފައެވެ.
އެހެންކަމުން މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މަޝްރޫޢުއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރ ޓަރމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިއާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށާއި މި ސަރަހައްދުގެ އެހެނިހެން ޓްރާންޝިޕްމަންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާ ފުރުޞަތެއްކަމަށެވެ.
މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒްކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރަށް ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެތީވެ މިމަޝްރޫއު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

